ފެނަކީ ހަށިގަނޑަށް ވަރަށް މުހިއްމު އެއްޗެއްކަން އެންމެނަށްވެސް އެނގޭވަރަށް ސިއްހީ މާހިރުން އެވާހަކަތައް ދައްކައެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މަދުން ފެން ބޮވޭ ނަމަ ކުރިމަތިވާނެ މައްސަލަތައް ވެސް އެންމެން ދަނެއެވެ.
ފެންވެސް ހަށިގަނޑަށް ބޭނުންވާވަރަށްވުރެ ގިނައިން ބޯނަމަ އެކަމުން ގެއްލުންތަކެއް ވެއެވެ. ނަމަވެސް މާގިނައިން ފެން ބުއިމުން ހަށިގަނޑަށް ލިބެނީ ކޮންކަހަލަ ގެއްލުންތަކެއްކަން ދަންނަނީ މަދު ބައެކެވެ. ފެނަކީ އިންސާނުންގެ ދިރިއުޅުމަށް މުހިންމު އެއްޗަކަށް ވީ ނަމަވެސް މާ ގިނައިން ފެން ބޯނަމަ ސިއްހީގޮތުން ކުރިމަތިވާ މައްސަލަތައް ދެނެގަތުން މުހިންމެވެ.
ކަރުހިއްކުމުގެ އިހްސާސް ނުފިލުން
މާގިނައިން ފެން ބޯނަމަ އަބަދުވެސް ކަރު ހިއްކައިގަނެފައި ހުންނަ ފަދަ އިހުސާސެއް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ފެންބޮވޭ މިންވަރު އިތުރަށް އިތުރުވެ، ކަރުހިއްކައި ނުގަތަސް ފެން ބޮވި ކުޑަކަމުދާ ތަކެތީގެ ކުލަ ހުދުވެއެވެ.
ބޯއެނބުރުމާއި ހޮޑުލެވުން
ފެން ނުބޯނަމަ ހޮޑުލުމާއި ބޯއެނބުރުން ކުރިމަތިވާ ފަދައިން މާ ގިނައިން ފެން ބޯނަމަވެސް މި މައްސަލަ ދިމާވާނެއެވެ. ގިނައިން ފެން ބުއިމުން ކިޑްނީގެ މަސައްކަތްތަކަށްވެސް ބުރޫއަރައި ހަށިގަނޑުން ފެން ބޭރުނުކުރެވި ހަށިގަނޑުގައި ފެން ގިނަވެއެވެ.
އަތްފައި ދުޅަވެ ހަމުގެ ކުލަ ބަދަލުވުން
ހަށިގަނޑުގައި ގިނަވާ ފެން ކިޑްނީއަށް ބޭރު ނުކުރެވޭނަމަ އަތާއި ފައި ފަދަ ގުނަވަންތަކަށް ފެން ޖަމާވެ ގުނަވަންތައް ދުޅަވާ ގޮތް މެދުވެރިވެއެވެ. އަދި ހަމުގެ ކުލަ ބަދަލުވެ ހުދުވުމުގެ ފުރުސަތު ބޮޑުވެއެވެ.
ކަން މިހެން އޮތްއިރު ދުޅަހެޔޮ ސިއްހަތަކަށް ފެން ބުއިމަށް ސަމާލުކަންދޭފަދައިން ހަށިގަނޑަށް ބޭނުންވާރަށްވުރެ އިތުރަށް ފެން ނުބުއިމަށްވެސް ސަމާލުކަން ދޭންޖެހެއެވެ.