މޫނުގެ ހަންގަނޑު އޮމާން ކަމާއި ޒުވާކަން ކަންމަތީ ބެހެއްޓުމަށް އެންމެންވެސް ބޭނުންވެއެވެ. އެއްބަޔަކީ ގުދުރަތީ ގޮތުން ރީތި ހަންގަނޑުގެ ވެރި ބައެއް ނަމަވެސް ތަފާތު ވައްތަރުގެ ފޭސްމާސްކް ބޭނުން ކުރުމަކީ އެންމެންގެވެސް އާދައެވެ.
މިއީ ޒަމާނުން ސުރެ ކޮރެއާގައި ބޭނުން ކުރަމުން އައިސްފައިވާ، އަދި މިހާރުވެސް ކޮރެއާގައި އެންމެ މަގުބޫލު ފޭސްމާސްކެވެ.
މި މާސްކުގެ ސަބަބުން މޫނުގެ ހަންގަނޑު އޮމާން ކޮށްދިނުމުގެ އިތުރުން ޒުވާންކަން މަތީ ގިނަދުވަހު ހުރުމަށް އެހީތެރިވެއެވެ.
މާސްކަށް ބޭނުން ވާނީ:
- ހަނޑޫ
- ޔޯގަޓް
- ލުނބޯ
ހަނޑުލަކީ ކުރީއްސުރެވެސް ފޭސްމާސްކް އަދި ބޮޑީ ސްކްރަބާއި މިނޫންވެސް ރީތިވުމަށް ބޭނުން ކުރާ އެއްޗެހި ހެދުމުގައި ބޭނުން ކުރާ ބާވަތެކެވެ. ހަމަ އެފަދައިން ޔޯގަޓަކީވެސް މޫނުގެ ހަންގަނޑު ރީތިކޮށްދިނުމުގެ އިތުރުން ޑީ ހައިޑްރޭޓް ވިޔަ ނުދީ ބެހެއްޓުމަށް ބޭނުން ކުރަން އެވަރެއް ނެތް އެއްޗެކެވެ. ލުބޯ އަކީ ނިސްބަތުން އެންމެންގެ މޫނާވެސް ގުޅޭ އެއްޗެކެވެ. ލުބޯ އަކީ ނެޗުރަލް ބްލީޗް އެކޭވެސް ބުނެވިދާނެއެވެ.
މާސްކު ތައްޔާރު ކުރާނެ ގޮތް:
މާސްކު ތައްޔާރު ކުރުމުގެ ކުރިން މިކްސަރަކުން ހަނޑޫ ވަރަށް ހިމުންކޮށް ފުނޑާލާށެވެ. ހިމުން ޕައުޑާ ގޮތަށް މިކްސަރުން ހިމުން ކޮށްލުމަށްފަހު ފަހުން ބޭނުން ކުރުމަށް ވެސް ރައްކާކުރެވޭނެއެވެ.
މާސްކު ތައްޔާރު ކުރުމަށް އެއް މޭޒުމަތީ ސަމުސާ ހަނޑު (ޕައުޑަރު) އެއް މޭޒުމަތީ ސަމުސާ ޔޯގަޓް ދެ މޭޒުމަތީ ސަމުސާ ލުނބޯހުތް ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވަންދެން އެއްކޮށްލަން ވާނެއެވެ.
އެއަށް ފަހު މި މާސްކު މުޅި މޫނުގައި ފިއްސެއް ނުވަތަ އިންގިލިން ވިޔަސް ރަނގަޅަށް އުނގުޅާށެވެ. މާސްކު އަޅައިގެން 10-15 މިނިޓް ވަންދެން މަޑުކޮށްލުމަށް ފަހު ފިނި ފެން ފޮދަކުން މޫނު ދޮވެލާށެވެ.
މިއީ އާންމުކޮށް ބޭނުން ކުރަން ފެށުމުން މަހެއްގެ ތެރޭގައި ތަފާތު ފެންނާނެ ކަމަށް ބުނާ މާސްކެވެ. މި މާސްކުގެ ސަބަބުން ހަންގަނޑު އޮމާން ކޮށްދިނުމުގެ އިތުރުން ހަންގަނޑު އަލިވެސް ކޮށްދޭނެއެވެ. އަޅެ އަޖުމަ ބަލާލަބަލާށެވެ.