ލިބިފައިވާ ބަޖެޓުން ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ނުކުރެވޭނެ: އެޗްއާރުސީއެމް

ލިބިފައިވާ ބަޖެޓުން ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ނުކުރެވޭނެ: އެޗްއާރުސީއެމް

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 01:34
0

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ހިއުމަންރައިޓް ކޮމިޝަނަށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުން ޤާނޫނުގައި އެކޮމިޝަނަށް މަތިކޮށްފައިވާ ކަންކަން ތަންފީޒު ނުކުރެވޭނެ ކަމުގައި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އެޗްއާރުސީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން މުއުމިނާ ވަހީދު ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަަސައްކަތް ކުރިއިރު ފިނޭންސް މިނިސްޓްރީއާއި ވާހަކަދެކެވި ޤާނޫނުގައި ލާޒިމްކޮށްފައިވާ މަސައްކަތް ކުރެވޭ ވަރުގެ ބަޖެޓެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނުކަމަށެވެ. އެގޮތުން ކޮމިޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއިއެކު ގިނަ މަަސައްކަތްތަކެއް އަންނަ އަހަރަށް ރާވައި، 39 މިލިޔަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް އެކުލަވާލެވުނުކަމަށެވެ.

ނަމަވެސް ބެޖެޓް ސީލިންްއަށް ފެއްތުމަށް މިނިސްޓްރީން އެދުމުން ކަޑައެޅި އެދަދަދުން 5 މިލިޔަން ރުފިޔަ އުނިކޮށް 33 މިލިޔަން ރުފިޔާގެ ބެޖެޓެއް އެކުލަވާލައި މިނިސްޓްރީއަށް ހުށަހެޅުއްވިކަމަށެވެ. ނަމަވެސް ބަޖެޓް އެކުލަވާލައި މިނިސްޓްރީން މަޖިލީހަށް ފޮނުވިއރު އޭގެ ތެރެއިންވެސް 18 އިންސައްތަ އުނިކޮށް ފޮނުވާފައިވަނީ 24 މިލިޔަން ރުފިޔާގެ ބަޖެޓެއްކަމަށެވެ.

މުއުމިނާ ވިދާޅުވީ މިއީ މުވައްޒިފުންނަށް މުސާރަ ދިނުމަށްފަހު ޤާނޫނުން މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް އޮތް ވަރަށްބޮޑު ހުރަހެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް ބަޖެޓް އެކުލަވާލާފައިވަނީ ބޮޑަށް ބަލެވޭ ގޮތުގައި ކުރީގެ ކޮމިޝަންގެ ޕާފޯމަންސަށް ބެލުމަށް ފަހުގައިކަމަށް ގަބޫލު ކުރެވޭކަމަށެވެ. ނަމަވެސް މިހާރު އޮތް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ޝެޑިއުލްކޮށް، އެންޓި ޓޯޗާ ޤާނޫނުފަދަ މުހިންމު ޤާނޫނުތައް ތަންފީޒު ކުރުމަށް މުހިންމު ޕްރޮގުރާމުތަކެއް ރާވާފައިވާކަމަށެވެ. ނަމަވެސް ބަޖެޓް އޮތް ގޮތުން އެއްވެސް ކަމެއް ތަންފީޒު ކުރެވޭނެ ކަމުގެ އުންމީދު ކުޑަކަމަށް މުއުމިނާ ވިދާޅުވިއެވެ.

ޤާނޫނުން ލާޒިމް ކޮށްފައިވާ ކަންކަން ތަންފީޒު ކުރުމާއި ގާތަށްވެސް ބަޖެޓް ލިބިފައިނެތް. މުސާރަދީފައި އެހެން ކަންކަން ކުރާނެ ފައިސާއެއް ނެތް. މިނިސްޓްރީން ބަޖެޓް ސީލިން ކަނޑައަޅާފައިވަނީ ކުރީގެ ކޮމިޝަންގެ މަސައްކަތަށް ރިއާޔަތްކޮށްކަމަށް ބެލެވޭ. ނަމަވެސް މިކޮމިޝަނުން ވަރަށް ގިނަ މަސައްކަތް ދަނީ ކުރަމުން. މިނިސްޓްރީން މިކަންކަން ތަންފީޒު ކުރެވޭނެ ގޮތް ފަހިކޮށްދެއްވަންޖެހޭ. މި ޒިންމާތައް އަދާކުރެވޭނީ ބަޖެޓް ލިބިގެން.

– މުއުމިނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓްގެ ކޮމިޓީ މަރުހަލާގައި ދަނީ ގިނަ މުއައްސަސާތަކާއި، ކޮމިޝަންތަކާއި ބައްދަލުކޮށް ބަޖެޓްގެ ކަންކަމުގައި މަޝްވަރާ ކުރަމުންނެވެ. މިއަދު ވަނީ އިންފޮމޭޝަން ކޮމިޝަނާ އޮފީހާވެސް ބައްދަލުކޮށްފައެވެ. އެކޮމިޝަންގެވެސް ކަންބޮޑުވުމަކަށްވީ ބަޖެޓް ކުޑަވުމެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ. އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއިހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފަވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަކީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ވާނެކަމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުުވާނެކަމަށް ލަފާކުރެއެވެ. އަންނަ އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކުރެވޭއިރު މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.