އައްޑޫ އާއި ޓުޓްކޮރިންއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލަން ޖެހުނީ ދަތުރުތައް ފެށިއިރު އުންމީދުކުރި މިންވަރާއި ގާތަށްވެސް ޑިމާންޑު ނެތުމުން ކަމުގައި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ސައީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާ ދެމެދު ބާއްވަމުން އައި ދަތުރުތަކުގައި ބޭނުން ކުރަމުން އައިސްފައިވަނީ ބޮންތި- 2 ނަމަކަށް ކިޔާ ކާގޯ ބޯޓެކެވެ. އެހެންނަމަވެސް މި ބޯޓަކީ ވަރަށްބޮޑަށް ބާވެފައި އޮތް ބޯޓަކަށްވުމުން މި ބޯޓު އިތުރަށް ބޭނުން ނުކުރަން ވަނީ ނިންމާފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދަޔުރުތައ ފެށިގެން ދިޔައިރު އުންމީދުކުރީ އައްޑޫ ވިޔަފާރި ވެރިންގެ ތަރުހީބު މިކަމަށް ލިބޭނެކަމަށެވެ. ނަމަވެސް ދަތުރުތައް ހުއްޓާލަން ޖެހުނީ އައްޑޫގެ ވެިޔަފާރި ވެރިންގެ ޝައުގުވެރިކަމާއި، ޚާއްސަކޮށް އިންޑިއާގެ ޓުޓްކޮރިންއިން އެކަނި މުދާ ގެންނަން ޖެހުމުން އެއްވެސް ވަރަކަށް ތަރުހީބު ނުލިބުމުންކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުތައް ފެށިއިރުވެސް އައްޑޫއަށް ގެންދިޔަ މުދަލަކީ އެސްޓީއޯއާއި، އަދި އެރަށުގައި ކުރިއަށްދިޔަ އިންޑިއާގެ މަޝްރޫޢުތަކަށް ބޭނުންވާ މުދާކަމަށެވެ.
ޚާއްސަކޮށް އައްޑޫގައި ގާއިމްކުރި ޕޮލިސް އެކަޑަމީއަށް ބޭނުންވާ ހުރިހާ ސާމާނެއް ގެނައީ އޭރު އެމްއެސްއެސްއިންކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، އެ ކުންފުނި މެދުވެރިކޮށް މުދާ ގެނެސްފައިވަނީ އައްޑޫގެ އެންމެ 14 ފަރާތަކުންކަމަށެވެ. އޭގެތެރޭގައި އައްޑޫ އެއަރޕޯޓްސްފަދަ ކުންފުނިތައްވެސް ހިމެނެއެވެ. މި 14 ފަރާތުގެ ތެރެއިންވެސް ގަވައިދުން މުދާ ގެނެސްފައިވަނީ އެންމެ 5 ފަރާތަކުންނެވެ. ބޯޓުން ގެންނަ މުދަލުގެ ތެރެއިން އައްޑޫ ވިޔަފާރިވެރިން ގެނެސްފައިވަނީ އެންމެ %15 މުދާކަން ސައީދު ފާހަގަކުރެއްވިއެވެ.
1 އަހަރާއި 5 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެޅިފައި އެވަނީ 19 ދަތުރު. 19 ދަތުރަށް ބަލާއިރު މުޅި ޖުމްލަ އަޅުގަނޑުމެންނަށް ގެނެވިފައި ވަނީ 75973 މެޓްރިކް ޓަން. މީގެތެރެއިން %85 އަކީ އެސްޓީއޯގެ މުދަލާއި ޕްރޮޖެކްޓް މުދާ. އެހެންވީމަ %15 އައްޑޫ ވިޔަފާރިތަކުން އަޅުގަނޑުމެންނަށް މި ލިބުނީ. %15 އޭގެ މާނައަކީ އަޅުގަނޑުމެން 19 ދަތުރު ކުރިއިރު ދަތުރެއްގައި އެންމެ ގިނަވެގެންވެސް މިލިބެނީ 600 ވަރަކަށް ޓަނު. އަޅުގަނޑުމެން އެތާ ބޭނުންކުރީ 3800 ޓަނުގެ ބޯޓެއް. އެވަރުގެ ބޯޓެއް އެހާ މަދު މުދާ 600 ޓަނު ލައިގެނެއް ނުދުއްވޭނެ އިނގޭތޯ. އެއީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ. އެހެންވެގެން އަޅުގަނޑުމެން އެންމެ ބޮޑަށް ހުއްޓާލަން މި ނިންމީ.
– ސައީދު ވިދާޅުވިއެވެ.
އެމްއެސްއެސްގެ އަމިއްލަ ބޯޓު، އެމްއެސްއެސް ގަލޭނާއަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.
އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ %99.99 އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް %0.01އަކީ ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.
ކޮމެންޓު ފޮނުވާ