އިންޑިއާއިން ރާއްޖެއަށް ކަނޑައައެޅުއްވި ސަފީރު މުނޫ މަހާވުރު ދިރިއުޅުއްވާ ޢިމާރާތް ކުރިމަތީގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފިއެވެ. އިންޑިއާ ސަފީރު ދިރިއުޅުއްވާ އަމީންއެވެނިއު އިމާރާތް ކުރިމަތީ ވަނީ ރަތް ކުލައިން ބޮޑު އަކުރުން އިންޑިއާ އައުޓް ލިޔެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް އިންޑިއާ އައުޓް އަންނަނީ ލިޔަމުންނެވެ. ނަމަވެސް އެ ހަރަކާތަކީ އިންޑިއާ މެދު ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ހިންގާ އަދި ޤައުމީ ސަލާމަތަށް ނުރައްކާހުރި ހަރަކާތެއްކަމަށް ބުނެ ސަރުކާރުން ވަނީ އެހަރަކާތް ހުއްޓުވުމަށް އެކި ގޮތްގޮތުން މަސައްކަތް ފަށާފައެވެ. މިގޮތުން ރައީސް ޞާލިޙްގެ ރިޔާސީ ޤަރާރަކުން ވަނީއެ ހަރަކާތް ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަމަުރުކުރައްވާފައެވެ.
ނަމަވެސް އެ ޤަރާރަށް ގޮންޖަހާ އެ ހަރަކާތް އަންނަނީ ހިންގަމުންނެވެ. މިގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅު މާފަންނު ވިލާ، އަދި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ފާރުގައިވެސް ދާދިފަހުން ވަނީ އިންޑިއާ އައުޓް ލިޔެފައެވެ.
އިންޑިއާ އައުޓް ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނެވެ.
ކޮމެންޓު ފޮނުވާ