މަންމަ އަކަށް ވުމަކީ ކޮންމެ އަންހެނަކުވެސް ނަގަންޖެހޭ އެންމެ ބޮޑު ޒިންމާއެވެ. ދަރިފުޅު ކަންތައްތަކާއި ގޭތެރޭގެ މަސައްކަތްތަކުގެ އިތުރުން ބާކީ ދެންހުރި ގުޅުންތަކާ ދޭތެރޭވެސް އެންމެ ވިސްނާނެ މީހަކީ ދިރިއުޅުން ހަމައަކަށް އެޅުވުމުގެ ޒިންމާއާއި ހަވާލުވެގެންހުންނަ އަންހެނާއެވެ.
މިކަންކުރުމަށް ހުސްވެ ހުންނަ އަންހެނަކު މިކަން ކުރާލެއް ވަރަށް ފުރިހަމައެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ކަންކަން ހަމައަކަށް އަޅުވަމުން ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރާ އަންހެނަކަށް ދިރިއުޅުން ބޮލުގެ ރިހުމަކަށް ވާހިސާބަށް ދެއެވެ.
ގޭތެރޭގެ ކަންތައްތަކާއި ދަރިފުޅުގެ މަސްއޫލިއްޔަތުގެ އިތުރުން ވަޒީފާގެ ބުރަކަން މުޅި މީހާ ބަލިކޮށްލައެވެ. ސިކުނޑިއަށް ބުރަކުރުވައެވެ. މިކަމަކީ އަރައިގަންނަށް އުނދަގޫކަމެކެވެ. އެހެން ނަމަވެސް މި ބޮލުރިހުން ކުޑަކޮއްލުމަށްޓަކައި ކޮއްލެވޭނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.
އަބަދުވެސް ކުރިއާލައި ކުރިއަށް އޮންނަ ދުވަހުގެ މަސައްކަތްތައް ރާވާލާށެވެ. އޮފީހުގައި ނިންމަންހުރި މަސައްކަތްތަކާއި ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ބަހާލާ ހަމަޖެހޭ ތާވަލެއް ކުރިއާލައި ތައްޔާރުކުރާށެވެ.
ބައެއް ހާލަތްތަކުގައި އާއިލާއަށްވުރެ ކުރިއަށް ވަޒީފާ ނެރެން ޖެހުމުން ހިތަށް އުނދަގޫވެއެވެ. މިކަން ހައްލުކުރުމަށްޓަކައި އާއިލާގެ ތެރެއިން އެހީތެރިކަން ލިބެން ތިބި އެންމެންގެ އެހީތެރިކަން ހޯދާށެވެ. ފިރިމީހާއާއި އާއިލާގެ އިތުރު މެންބަރުންގެ އެއްބާރުލުން ލިބޭނެމަ މި އިހުސާސް ކުރެވޭވަރު ކުޑަވާނެއެވެ.
ވަޒީފާއަށް ދާންޖެހޭ މައެއް ނަމަ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ އެކަނި އެއްވެސް ކަމެއް ނުވާނެކަމެވެ. ހާލަތުގެ ގޮތުން ގާތް މީހުންނަށާއި ރަހުމަތްތެރިންގެ އެހީތެރިކަމަށް އެދުމަކީ ގޯސްކަމެއް ނޫންކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. އަދި އެމީހުނާއެކު ގާތް ގުޅުމެއް ގާއިމު ކުރަންވާނެއެވެ.
ވަޒިފާ އަދާކުރާ އޮފީހައްވެސް، ތިމާއަށް ތިމާގެ އާއިލާ ވަރަށް މުހިންމުކަން އަންގައިދޭން ވާނެއެވެ. އާއިލާއަށްޓަކައި ވަޒީފާގައި ކުރަންޖެހޭ ބައެއް ކަންކަން ނުކުރެވިދާނެކަން ވިސްނިފައި އޮތުމުން އެފަދަ ކަންކަމަށް ވަޒީފާ ދޭފަރާތުންވެސް ވިސްނާނެއެވެ.
ވަޒީފާ އަދާކުރާ މައިންނަށް ވަރަށް ގިނަ ފަހަރަށް ދަރިންނަށް އަޅައިނުލެވޭ ކަމާއި، އާއިލާއަށް އެކަށީގެންވާ ލޯބި ނުދެވޭ ކަމުގެ އިހުސާސްވެއެވެ. އަދި އެމީހުންނަށްވުރެ ވަޒީފާ އިސްކުރެވެނީއޭ ހީވެއެވެ. އަބަދުވެސް ޤަބޫލުކުރަން ޖެހޭނެ ކަމަކީ ވަޒީފާ އަދާކުރަނީ އެ ލޯބިވާ ދަރިފުޅާއި އާއިލާއަށްޓަކައި ކަމެވެ. އެހެންކަމުން އާއިލާގައި ތިމާގެ މަގާމުގެ ޒިންމާތައް ވީވަރަކުން އަދާކުރުމަށް ސަމާލުކަން ދޭންވާނެއެވެ.