ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތައް ފެންނަ އިތުރު ފޮޓޯތަކެއް މިރޭ ހިއްސާކޮށްފިއެވެ.
މި ފޮޓޯތައް ހިއްސާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްއެެވެ. ފޮޓޯތައް ހިއްސާ ކުރެއްވުމަށްފަހު ހަސަން ވިދާޅުވި އެހަނދާންތައް ފަނޑުކޮށްލަން ކިތަންމެ މަސައްކަތެއްވެސް ކުރެވިދާނެކަމަށެވެ.
ނަމަވެސް ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް އެލަކުނުތަކަކީ ފިލައިގެންދާނެ ލަކުނުތަކެއް ނޫންކަމަށާއި، އަދި މިހަނދާތަކަކީ ދުލާއި ގަލަމުން ތާއަބަދު އާކުރެވޭނެ ހަނދާންތަކެއްކަމަށް ހަސަން ވިދާޅުވިއެވެ.
އެ ހަނދާންތައް ފަނޑުކޮށްލުވަން ވެސް މަސައްކަތް ކުރެވިދާނެ. އެޒަޚަމްތައް ފޮހެލުމަށްވެސް މަސައްކަތް ކުރެވިދާނެ. އެއީ ކުޑަކަމެއް ކަމުގައި ދެއްކުމަށްވެސް މަސައްކަތް ކުރެވިދާނެ. ނަމަވެސް އެލަކުނުތައް ފޮހެވިއެއް ނުދޭ. އެއީ ދުލުންނާއި ގަލަމުން ބަޔާންކުރަން ދަތި އެތައް ކަމެއްގެ ހަނދާން.
– ހަސަން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ރޭޒަރު ފުށް އަޅާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އޭގެ 11 އެތިކޮޅު ނަޝީދު ހަށިކޮޅުން ޑޮކްޓަރު ވަނީ ނަގާފައެވެ. އަދި ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށްވެސް އަނިޔާވިއެވެ.
ދީނީ ގޮތުން ހައްދުފަހަަނައަޅާފައިވާ ފިކުރުގެ ބަޔަކު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އަހަރު ދުވަސް ފުރުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެގޮތުން ޝަރީއަތް ނިމިފައިވަނީ އެންމެ ފަރާތެއްގެކަން ފާހަގަކުރައްވާ ބަޔާނުގައި ވަނީ އެ ހަމަލާދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 މީހުންގެ ޝަރީއަތް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާކަމަށެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ދިގުލައިގެންދާނަމަ، ޖިނާއީ އަދުލުގެ ނިޒާމަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަމަށް މި ހަމަލާގެ ޝަރީއަތް ހިނގާ ނުހިނގާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، އައްބާސް ފާއިޒު ވަނީ ވިދާޅުވެފައެވެ.