ފާއިތުވެދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ސައުދީ އަރަބިއާގެ އިގްތިސާދު 9.6 އިންސައްތައިގެ ކުރިއެރުމެއް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދާފައިވާކަމަށް، މިހަފްތާގެ އާދީއްތަ ދުވަހު ސައުދީ ސަރުކާރުން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ. އަދި މިއީ ސައުދީ އަރަބިއާގެ ތެލުގެ އިންޑަސްޓްރީއަށް އައިސްފައިވާ ކުރިއެރުމާއެކު، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ސައުދީ އިގްތިސާދަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުންވެސް މެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސައުދީ އަރަބިއާގެ ތެލުގެ މުއާމަތާތްތަކަށް 20.4ގެ ކުރިއެރުމެއް އައިސްފައި ވެއެވެ. އަދި ތެލާއި ގުޅުން ނެތް މުއާމަލާތްތަކަށް 3.7 އިންސައްތައިގެ ކުރިއެރުމެއް އައިސްފައި ވެއެވެ.
ސައުދީ ސަރުކާރުން އާންމުކޮށްފައިވާ ޑާޓާތަކުގެ މައްޗަށް ކުރެވިފައިވާ މި އަންދާޒާތައް ޔަގީން ކުރެއްވިޖެނަމަ، އެގައުމުގެ އިގްތިސާދަށް އައިސްފައިވާ މި ކުރިއެރުން ވެގެންދާނީ، 2011 ވަނަ އަހަރަށްފަހު އެގައުމުގެ އިގްތިސާދަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުންކަމުގައި، ސައުދީ ޖެނެރަލް އޮތޯރިޓީ ފޯރ ސްޓެޓިސްޓިކްސް އިން ބުނެފައި ވެއެވެ.
ސައުދީ އަރަބިއާގެ އިގްތިސާދުގެ އެންމެ މުހިންމު ހިއްސާއެއް އަދާކުރަނީ އެގައުމުން އުފައްދާ ތެލެވެ. އަދި އޭގެ އިތުރުން ދީނީ އަޅުކަންތަކަށް އެގައުމަށް އެތެރެވާ އެތައް މިލިއަން މީހުންގެ ފަރާތުންވެސް އެގައުމަށް އަހަރަކު 12 ބިލިއަން ޑޮލަރުގެ އާދަނީއެއް ލިބެމުން ދެއެވެ.
ކޮމެންޓު ފޮނުވާ