ފުރަތަމަފަހަރަށް ފިންލޭންޑް އިން ފްރާންސް ބަލިކޮށްފިއެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ފިންލޭންޑް ވާދަކުރި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ފިންލޭންޑް އިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.
ޕެރިހުގައި ކުޅުނު މެޗުގައި ފިންލޭންޑުން ޖެހި ދެލަނޑުވެސް ޖަހާފަވަނީ މެޗުގެ ފުރަތަމަހާފްގައި މާކުސް ފޯސްގެ އިތުރުން އޮންނި ވަލަކަރީއެވެ. ބައެއް ބަދަލުތަކާއެކު ކުޅުނު ފްރާންސްގެ ޓީމުން ފުރަތަމަ އެގާރައިގަ ހިމެނިގެ ޕައުލޯ ޕޮގްބާ، ލުކާސް ޑީން އިތުރުން އޮލިވާ ޖިރޫޑް ވަނީ ކުޅެފައެވެ.
މެޗުގެ ދެވަނަ ހާފްގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވަނީ އެންގޯލޯ ކާންޓޭ، އެންޓޮނީ ގްރީޒްމަންގެ އިތުރުން އެންތޮނީ މާޓިއަލް ކުޅެން ނެރެފައެެވެ. ދުނިޔޭގެ ރޭންކިންގައި 55 ވަނައިގަވާ ފިންލޭންޑް ވަނީ އެންމެފަހުން ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮއްފައެވެ މެޗުގައި ފިންލޭންޑް އިން ވަނީ ފްރާންސާ ދެކޮޅަށް މޮޅުކުޅުމެއް ދައްކާފައެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޕޯލެންޑް ވަނީ ޔުކްރެއިންގެ މައްޗަށް 0-2 ލަނޑުން ކުރި ހޯދާފައެވެ. އިޓަލީން ވަނީ އެސްޓޯނިޔާގެ މައްޗަށް 4-0 ލަނޑުން ކުރި ހޯދާފައެވެ. ގުންޑޮގާންގެ ކެޕްޓަންކަމުގައި ކުޅުނު ޖަރުމަނު ވަނީ ޗެކްރިޕަބިލްކްގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދީފައެވެ. މިދިޔައަހަރު ސެޕްޓަންބަރު ޖަރުމަނު ބަލިވަފަހުން އަދި އެޓީމު ބަލިވެފައެއް ނުވެއެވެ.