ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2022 11:50
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާދަމާ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ 7 ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި، އޮގްޒާވާ ރިސަރޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މިމަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ކުރިއަށްދާ މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އަދި ޚާއްސަކޮށް ޤައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ޤައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.