ރައީސްގެ ގަރާރަށް ފާޑުކިޔުމުން ޝެއިހް ޒަމްޒަމް ސަަސްޕެންޑްކޮށްފި

ރައީސްގެ ގަރާރަށް ފާޑުކިޔުމުން ޝެއިހް ޒަމްޒަމް ސަަސްޕެންޑްކޮށްފި

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމެވުމަށް ފާޑުކިޔާފައިވާތީ އަރަބިއްޔާ ސްކޫލުގެ ޓީޗަރު ޝައިޚު ޒަމްޒަމް ފާރިޝް އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

އޮފީހަށް ނިކުތުން މަނާކޮށް އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. މި ކަމަކީ ސިވިލްސާވިސް ގަވާއިދުގައި ބަޔާން ކުރާ ސާވިސް މުވައްޒިފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތާއި އަދި ކޯޑް އޮފް ކޮންޑަކްޓާއި ތައާރުޒުވާ ކަމެއް ކަމަށެވެ.

މި ކަމަކީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި، ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމަކަށް ވީ ހިނދު، އަދި މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައި ވެއެވެ.

– ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވާފައިވާ ލިޔުމުގައި ވެއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެކެވެ. ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރި 30 ދުވަހުގެ މުއްދަތަށް މުސާރަ ވެސް ނުލިބޭނެ ކަމަށް އޭނާ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ގައި ބުނެއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މިއަދު ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *