ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށްޓަކައި، ވިލިމާލެ ހުޅަނގު ދެކުނު ފަރާތު އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ. އެގޮތަށް އަންނާ ސިޓީ ކައުންސިލުން ޢާންމުކުރި އިއުލާނެއްގައި ވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިނގިލީގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށެވެ. އެ އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާކަމަށް ކައުންސިލުން ބުންޏެވެ. އެހެންކަމުން ސަރަހައްދަށް އަރާގޮތަށް އެއްގަމާއި ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް ނެގުމަށް އަންގާކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މިމަހުގެ 19 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެއެއްޗެހި ނުނަގައިފި ނަމަ އެ ކައުންސިލުން އެތަކެތި އެހެން ތަނަކަށް ބަދަލުކުރާނެކަމަށާއި، އުޅަނދުތައް ނެގުމުގައި ލިބޭ ގެއްލުމަކަށް ޒިންމާ ނުނަގާނެ ކަމަށެވެ.
ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ.
ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. އެއާއެކު ބްރިޖްގެ މުހިންމު ސަރވޭގެ މަސައްކަތްތައް ފަށައިގެންދަނީ ކުރިއަށެވެ. މިހާރުވެސް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ މަސައްކަތް ކުރަމުންނެވެ.