މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ ނޫނީ އަސާސްތަކާއި ޚިލާފަށް ކަމުގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅެވެއްޖެއެވެ. ޕީޖީ ވަނީ މިމައްސަލަ މިއަދު ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކްރިމިނަލްކޯޓުން އައްމަޓީ ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުފުކުރުމުން އިއްޔެ ބޭއްވި އަޑު އެހުމުގައި ހައިކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެކަމަށް ނިންމާ ކޯޓުން ބޭރުކޮށްލާފައެވެ. ހައިކޯޓްގެ ނިންމުމުގައި ބުނެފައިވަނީ ދައުލަތުން ދަށު ކޯޓްގެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ އެކަމަށް ހަމަޖެހިފައިވާ މުއްދަތު ފާއިތުވި ފަހުންކަމަށެވެ.
މިމައްސަލަ މިއަދު ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައި، ހައިކޯޓުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ޕީޖީ ޝަމީމް ވިދާޅުވީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ 198 ވަނަ މާއްދާގައި އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނާކަމަށެވެ. 48 ގަޑިއިރު ގުނާނީ، ކޯޓުން އަމުރު ނެރުނު ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެދެމެދަށް ބަންދު ދުވަހެއް އަތުވެއްޖެނަމަ، އެދުވަސްވެސް ނުލައިކަމަށެވެ. މިއީ ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކައޮތް މާއްދާއެއް ނޫންކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ވަގުތު ގުނުމާގުޅޭ މި އުޞޫލަކީ، މިހާތަނަށް ޢަމަލުކުރަމުން އައިވެސް އުޞޫލުކަމަށެެވެ. މިމައްސަލަ ބެއްލެވި ފަނޑިޔާރުންވެސް، މީގެ ކުރިން އެތައް މައްސަލައެއްގައި، މިހާރު ޢަމަލުކުރަމުންދާ ގޮތަށް މުއްދަތު ގުނާފައިވެސްވާކަމަށާއި، މިމައްސަލައިގައި، ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ޚާއްޞަ ސަބަބެއް، އެ ޤަޟިއްޔާގައި ލިޔުއްވާފައިނުވާތީ، މިމައްސަލަ ޚާއްޞަވީ ގޮތެއް ނޭނގޭކަމަށް ޕީޖީ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ޢަމަލުކުރަމުންދާ ގޮތަށް ވަގުތު ގުނައިގެން އެތައް މައްސަލައެއް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ބައްލަވައި، ޙުކުމް ކުރައްވާފައިވާކަމަށާއި، ޚުދު މިމައްސަލައިގައިވެސް، ހަމަ އެގޮތަށް ދުވަސް ގުނައިގެން މައްސަލަ ޝަރުޢީ މަރްޙަލާތަކުގައި، މީގެ ކުރިން ހިންގަވާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.
އެ މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ