އިނގިރޭސި ޕްރިމިއަރ ލީގުގައި އަމަލުކުރަމުންދާ ބައެއް އުސޫލުތައް ބަދަލުކުރުމަށް އެލީގު ގަދަ ދެބާރު ކަމުގައިވާ މެންޗަސްޓަރ ސިޓީއާއި ލިވަޕޫލްގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ޔާގެން ކްލޮޕް ގޮވާލައިފިއެވެ.
ގާޑިއޯލާ ވަނީ މި ދަނޑިވަޅުގައި ތިން ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމުން އެކަމުގެ ފައިދާ އެއްވެސް ބަޔަކަށް ނުކުރާ ކަމަށާއި، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުނުކުރަނީ ޕްރިމިއަރ ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސް އިހުމާލުން ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މީގެ ކުރިން ކްލޮޕް ވަނީ އޭނާ ކަންބޮޑުވަނީ ކުޅުންތެރިންނާ މެދު ކަމަށާއި، ޔޫރަޕުގެ އެހެން ހުރިހާ ލީގެއްގައި އެ ގަވާއިދަށް އަމަލުކުރާއިރު، ޕްރިމިއާ ލީގުގައި އެ ގަވާއިދަށް އަމަލުނުކުރަންވީ ސަބަބެއް ނެތް ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑް-19 އަށްފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމުންނެވެ. މި ބަދަލު ގެންނަން އައިފެބުން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުން ކަމަށް އައިފެބް އިން ވަނީ އަންގާފައެވެ.
ޔުއެފާ އިން ހިންގާ މުބާރާތްތަކުގައިވެސް ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަމުން އަންނައިރު ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް އަމަލުނުކުރާ ހަމައެކަނި ލީގަކީ ޕްރިމިއާ ލީގެވެ.
ކްލޮޕް ބުނީ ހަފްތާގެ ބުދަދުވަހު އެހެން މުބާރާތެއްގައި ކުޅެންޖެހޭ ޓީމަކަށް ޖެހިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ކުޅެން ޖެހިގެން ނުވާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ކުރިން ކުޅުނު މެޗުން ލިބިފައިވާ ވަރުބަލިކަމާއި އަނިޔާއިން ސަލާމަތްވާން އެކަށީގެންވާ ވަގުތު ނުލިބި ބޮޑު އަނިޔާއަކާއި ކުރިމަތިލުމުގެ ނުރައްކާ އޮންނަކަމަށް ބުނެ ކްލޮޕް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކްލޮޕް ވަނީ މިހާރު ލީގުގެ މެޗުތައް ކުޅެމުންދާ ޝެޑިއުލްގެ ސަބަބުން ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގާޑިއޯލާވަނީ މެޗުތަކުގެ ވަގުތުތައް ކަނޑައެޅިފައިވާ ގޮތުން ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ރައްކާތެރިކަން ނުލިބޭ ކަމަށް ބުނެފައެވެ.