މުޖުތަމަޢުގެ ވިސްނުމާއި، ޚިޔާލުތަކާ ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން: މިނިސްޓަރ

މުޖުތަމަޢުގެ ވިސްނުމާއި، ޚިޔާލުތަކާ ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން: މިނިސްޓަރ

Author
މުޙައްމަދު ޖިމީ
08 މާރޗް 2022 10:16
0

އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމުން ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގެ ސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްތަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީއ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެތަހުނިޔާ ފޮނުއްވާ ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ދެއްވި ޚިޠާބުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި، އަދި އެފަދަ ބަދަލުތަކަށް އެޑެޕްޓް ވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމަށެވެ. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން. ކޮވިޑް19 ގެ ޙާލަތުގައި އަޅުގަނޑުމެނަށް އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ. އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ 'އިންފޯރމަލް ސެކްޓަރ’ގައި.

– ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ

މިނިސްޓަރ ވިދާޅުވީ، ކޯވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށެވެ. ރާއްޖޭގެ ނިޒާމުތައް މިހާރު ހުރި ގޮތުން، އެފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ޤައުމެއް. އަޅުގަނޑުމެންގެ ރަށްރަށުގައި އުދަ އެރުމާއި، ބޯކޮށް ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ. މިފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއިއި، ސިއްޙީ ޚިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާ އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަޅާލުމާއި ކުދިން ބެލުމުގެ ޒިންމާ އުފުލަމުންދާ އަންހެނުންނަށް. މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިޤްތިޞާދަށާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ މައްސަލައެއް. އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ. މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ.

– ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ

ޖެންޑަރ މިނިސްޓަރުގެ ޚިޠާބުގައި ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ފާސްކޮށްފައިވާކަން މިނިސްތަރ ވަނީ ފާހަގަކުރައްވާފައެވެ.
ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެވިގެންދިޔުމަކީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމކުރުމަށް ކުރާ މަސައްކަތް ތަކުގައި އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ލަފާދެއްވުމަށް އެކުލަވާލާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމެވި ނިންމުމަކީވެސް، މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް އަދި ޚާއްސަކޮށް އެމަނިކުފާނު، އަންހެނުން ކުރިއެރުވުމަށް ދެއްވާ އަޙައްމިއްޔަތުކަން ޔަޤީންކުރެވިގެންދިޔަ ކަމެއްކަމަށް މިނިސްތަރ ވިދާޅުވިއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުރުމަށްޓަކައި، ސިޓީ އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށްވެސް މުހިންމު. 2021 ވަނަ އަހަރު، %33 ކޯޓާއާއެކު ކުރިއަށްގެންދެވުނު ތާރީޚީ ލޯކަލް ކައުންސިލް އިންތިޚާބުން %39 ގޮނޑި އަންހެނުންވަނީ ކާމިޔާބުކޮށްފައި. މިއީ ދިވެހިރާއްޖޭގެ ރަށްތަކުގައި ކަންކަން ނިންމާ ފެންވަރުގައި މިހާ ގިނައިން އަންހެނުން ތަމްސީލުވެގެންދާ ފުރަތަމަ ދައުރު. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން، ރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައާއި، ރަށުގެ އަންހެނުންނާ ގުޅޭ މަޢުލޫމާތުތައް އެއްކޮށް، އަންހެނުންގެ ޙާލަތު ދެނެގަނެ، އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލާޒިމުކުރޭ. އަދި ރަށުގައި ހިނގާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގައި މިފަރާތްތަކުގެ ބައިވެރިވުން އަދި ހޯދައި، އެ ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށްވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވޭ.

– ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް މިދިޔަ އަހަރުގެ ޑިސެންބަރުގައި ގެޒެޓްކުރި ޤަވާއިދަށް، މި އަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަންފަށާނެކަމަށެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ
Gender equality today, for a sustainable tomorrow” ނުވަތަ "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.