ސަދާގެ މަރުގައި އިހުމާލުވި މީހުންގެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް

ސަދާގެ މަރުގައި އިހުމާލުވި މީހުންގެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2022 02:07
0

ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ހޯދަނިކޮށް ސަދާ ސައުދުﷲ ނިޔާވުމުގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އިއްޔެ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ބަލައިދޭން ހުށަހެޅީ ސަދާގެ ބައްޕަ ސައުދުﷲ އަހްމަދުއެވެ. މިމައްސަލާގައި ބުނެފައިވަނީ ސަދާގެ މަރުގެ މައްސަލައިގައި ކަންހިނގާދިޔަ ގޮތް ބަލައި ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ސަދާ މަރުވީ ޑޮކްޓަރުންނާއި ނަރުހުންގެ އިހްމާލުން ކަމަށް ބުނެފައިވާތީ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ. ސައުދު ވަނީ ހެލްތު މިނިސްޓްރީއާ ދެކޮޅަށް މަދަނީ ދައުވާކުރުމަށް ވެސް ނިންމާފައެވެ.

އުމުރުން ފަސް އަހަރުގެ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، އެ ކްލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލީއެވެ.

ސަދާ ނިޔާވީ އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ. އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީ އަށް ހުށަހެޅިއެވެ. މިނިސްޓްރީގެ ރިޕޯޓުގައި ވެސް ބުނެފައިވަނީ އެ ކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށެވެ.

ސަދާގެ މަރާ ގުޅިގެން މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި 21 ކަމެއް ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑެތި އިހްމާލުތަކަކާއި ދޮގު މައުލޫމާތު ދިން މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.