ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުން މިއަދު އިއުލާންކޮށްފިއެވެ.
އެފްއޭއެމްއިން ކޮންމެ އަހަރެއްގެ ސީޒަން ފެށުމަށްވެސް ކުޅޭ ޗެރިޓީ މެޗުގައި ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ، ޕާޓްނަރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އެހީގެ ގޮތުގައި ދެއެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި ވަކި ހާއްސަ ޖަމިއްޔާތަކެއް އެފްއޭއެމްއިން އިއުލާން ކުރެއެވެ.
އެފްއޭއެމްގެ ޗެރިޓީ ޝީލްޑް މެޗުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕާޓްނަރުންގެ ގޮތުގައި މިއަހަރު ހަމަޖައްސާފައިވަނީ އެޑޮވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެ (އާކް)ގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއެވެ.
އެފްއޭއެމްގެ ޕާޓްނަރުންގެ ތެރެއިން އާކްއަކީ ފާއިތުވި އަހަރުތަކުގައި ކުޑަކުދިން ހައްގުތައް ރައްކާތެރިކުރުމަށް ތަފާތު ގިނަ ހަރަކާތްތައް ހިންގާފައިވާ ޖަމިއްޔާއެކެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ސަރުކާރުގެ ބޮޑީއެކެވެ. މޯލްޑިވިއަން ބްލަޑް ޑޯނާސްއަކީ ފޭސްބުކް ގްރޫޕެއްގެ ގޮތުގައި ފެށިގެން ދިޔަ ހަރަކާތެކެވެ.
މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު އަންނަ މަހުގެ އަށްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ލީގުގެ ދެވަނައިގައި ނިންމާލި ކްލަބު އީގަލްސްއެވެ. އާ ސީޒަނު ފަށާ ޗެރިޓީ ޝީލްޑް މެޗުގައި މިފަހަރު ދޭނެ އަދަދެއް އެފްއޭއެމުން އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެ އަދަދު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.