ރާއްޖޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުތަކުގެ ތެރެއިން، ރާއްޖެއަށް އެތެރެކުރާ ބިސްފަދަ ތަކެތީގެ ކޮންމެ ތިން ބިހަކުން ދެބިހަކީ އިންޑިއާއިން އެތެރެކުރާ ބިސްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އޮތް ނުރައްކާތެރިކަން ހާމަކުރުމަށް މަޖިލީހުގެ 241 ކޮމެޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ ހަމައެކަނި އަސްކަރިއްޔާގެ ތެރެއިން އޮތް ގުޅުމެއް ނޫންކަމަށެވެ. ދިވެހިންގެ އެެންމެ އަސާސީ ކަންކަމުގައިވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހެނީ އިންޑިއާއަށް ކަމަށްވާއިރު، މިހާރު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ތިބޭފުޅުންނަށްވެސް އެގިވަޑައި ގަންނަވާނެ ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހުން ދެބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސް. 90 ޕަސެނޓް ހަނޑޫ ގާތްގަނޑަކަށް އެއީ އިންޑިއާއިން އެތެރެކުރާ ހަނޑޫ. 88 ޕަސެންޓު ނުވަތަ 90 ޕަސެންޓާއި ހަމައަށް ފިޔާވެސް މިގެންނަނީ އިންޑިއާއިން.
– މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއިން ހަމައެކަނި ވިސްނަންވީ ސެކިއުރިޓީއަށް އެކަނި ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުން ކޯވިޑްގެ ދަތި ދުވަސްތަކުގައިވެސް ބޭސްފަރުވާއަށް އެހީ ހޯދީ އިންޑިއާއިންކަމަށް މާރިޔާ ވިދާޅުވިއެވެ. ކޯވިޑްގެ ލޮކްޑައުންގައިވެސް އިންޑިއާއިން ރާއްޖެއަށް 15،000 މީހުންނަށް ވިސާ ހަމަޖައްސައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސިކަމަށެވެ. އަދި އެކި ބަލިތަކުގައި ދިވެހި އެތައް އާއިލާއެއް އިންޑިއާއިން ފަރުވާ ހޯދާފައިވާކަމަށެވެ.
ކުރީގެ ރައީސް ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަށްވުމުން ރައީސް ޔާމީނަށް ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ވަޑައިގެން ބޭސް ކުރެވިދާނެކަމަށާއި، ނަމަވެސް އާންމު ރައްޔިތު މީހާ ދާންޖެހެނީ ހަމަ އިންޑިއާއަށްކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް މިހަރަކާތާއިމެދު ވިސްނާލަން ޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ.
ކުރީގެ ރައީސަކަށް ކަމެއްވީމާ ދުނިޔޭގެ ބޮޑެތި ގައުމތަކަށް ދެވިދާނެ. އެހެންނމަވެސް އާންމު މީހާ ދާންއޮތީ ހަމަ އިންޑިއާއަށް. މިހިނގާ ކެންޕެއިނުން ދިމާވާނެ ދަތިތަކާއިމެދު އެބަޖެހޭ ވިސްނަން.
– މާރިޔާ ވިދާޅުވިއެވެ.
މާރިޔާވަނީ މިބައްދަލުވުމުގައި ރައީސް ޔާމީން މިހަރަކާތުގައި އިސްހެ ހުންނަވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިއީ ރައީސް ޔާމީން ހިންގަވާފައިވާ ޖަރީމާތައް ފޮރުވަން ހިންގާ ހަރަކާތެއްގެ ގޮތުގަައި މާރިޔާވަނީ ސިފަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހަރަކާތް ނުހުއްޓުވެންވީ އެއްވެސް ސަބަބެއްނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ