އިލެކްޝަންގެ އޮފިޝަލުން ފޯކައިދޫގައި ތިބި ގެސްޓު ހައުސްއަކީ، ވެރިކަންކުރާ އެމްޑީޕީގެ ބައެއް ބޭފުޅުންވެސް ތިބި ގެސްޓް ހައުސްއަކަށް ވުމުން މިރޭ އިލެކްޝަންގެ އޮފިޝަލުން އެގެސްޓް ހައުސްއިން ބަދަލު ކުރުމަށް ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ފޯކައިދޫއަށްދިޔަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތިބި ގެސްޓް ހައުސްގައި އެމްޑީޕީގެ މެމްބަރުންވެސް ތިބި މައްސަލާގައި އެރަށު ގިނަ ބަޔަކު ހިންހަމަ ނުޖެހުން ފާޅުކުކޮށް، އެމައްސަލަ އިލެކްޝަނަށް ހުށަހެޅުމުން މިހާރު ފޯކައިދޫގައި ތިބި އިލެކްޝަންސްގެ އޮފިޝަލުން އެހެން ގެސްޓް ހައުސްއަކަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށެވެ.
އިލެކްޝަން ކޮމިޝަނަށް މިމައްސަލަ އިދިކޮޅު ޕީޕީއެމުންވެސް ވަނީ ހުށަހަޅާފައެވެ. އިލެކްޝަނުން ބުނެފައިވަނީ މިއިންތިޚާބަކީ އަމާން ސުލްހަވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށެވެ. އަދި މިފަދަ ޝަކުވާތަކަކީ އިލެކްޝަނުން ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ޝަލުވާތަކެއް ކަމަށާއި، އެގޮތުން މިރޭ އިލެކްޝަންގެ އޮފިޝަލުން އެހެން ތަނަކަށް ބަދަލުކޮށް، އެފަދަ ޝަކުވާއެއް ނާންނާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރާނެކަމަށެވެ.
ފޯކައިދޫގައި މިރޭ ހަމަނުޖެހުން ހިންގާފައިވަނީ އެރަށު "ސަންސެޓް" ގެސްޓް ހައުސްގައި ތިބި އިލެކްޝަން އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ބައްދަލު ކުރުމުންނެވެ. އަދި މިގެސްޓްހަސްއަކީ މާލެއިން ދިޔަ އެމްޑީޕީގެ މެމްބަރުންވެސް ތިބި ގެސްޓް ހައުސްއަކަށްވުމުން، އިލެކްޝަން އޮފިޝަލުންނާއި، މިއިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކާއި މަސްލަހަތު އޮތްބަޔަކު އެއްތަނެއް ތިބުމަކީ މަސްލަހަތު ރަނގަޅު ގޮތަކަށް ނުވުމުންނެވެ.
އާއްމުވެފައިވާ ވީޑިއޯތަކުގައި، އީސީގެ އޮފިޝަލުން ތިބި ތަނަށް ވަން ޕީޕީއެމްގެ ސަޕޯޓަރުން ބުނާ ގޮތުގައި އެމްޑީޕީއާ އެކު މި ވޯޓުގައި އެ ކޮމިޝަނަކަށް "ޖަރީމާ ހިންގަން ލާހިކެއް ނޫން" ކަމަށެވެ. އީސީގެ އޮފިޝަލުންނަށް އެ ގެސްޓް ހައުސްގައި ތިބިގެން ނުވާނެ ކަމަށް ވެސް ޕީޕީއެމްގެ ސަޕޯޓަރުން ބުންޏެވެ.
އީސީގެ އޮފިޝަލުން ތިބި ގެސްޓް ހައުސްއަށް ވަން މީހުންގެ ތެރޭގައި ކެމްޕޭނަށް އެ ރަށަށް ދިޔަ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއް ވެސް ހިމެނެއެވެ. ވޯޓުގެ މަސްލަހަތު ގެއްލުވާލައިފި ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުން ދަނީ އޭނާ އެ ރަށުން ބޭލުމަށް އެދި ނުރުހުންފާޅުކުރަމުންނެވެ.
ނަމަވެސް މިމައްސަލައަކީ އިލެކްޝަނަށްވެސް ގަބޫލުކުރެވޭފަދަ މައްސަލައަކަށްވުމުން މިހާރު ވަނީ އިދިކޮޅު ޕީޕީއެމުން ހުށަހެޅި ގޮތަށް އިލެކްޝަންގެ އޮފިޝަލުން އެހެން ތަނަކަށް ބަދަލު ކުރުމަށް ނިންމާފައެވެ.