ރައީސް ޔާމިންގެ ވެރިކަމުގައި، 2018ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 1 ވަނަ ދުވަހު އޭރުގެ ސުޕްރިމް ކޯޓުން ނެރުނު އަމުރަކީ އިންޑިއާ އަޑީގަ އޮވެގެން ނެރުނު އަމުރެއް ކަމުގައި ރައީސް ޔާމިން ވިދާޅު ވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް، އިންޑިއާ އައުޓް ޓީޝާޓުގައި މިއަދު ށ. ފުނަދުއަށް ވަޑައިގެން، މަރުހަބާ ދެންނެވުމަށް އެއްވެ ތިބި ސަޕޯޓަރުންނާ މުޚާތަބްކޮށް ވަހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ 1 ފެބްރުއަރީގެ އަމުރުގެ ހުރިހާ ހަގީގަތެއް މިއަދުމިވަނީ ހާމަވެގެން ގޮސްފައިކަމަށާއި، އެއަމުރަކީ އިންޑިއާ އަޑީގަ އޮވެގެން ނެރުނު އަމުރެއްކަން މިއަދު މިވަނީ ހާމަވެގެން ގޮސްފައި ކަމުގައެވެ.
2018ވަނަ އަހަރުގެ ފެބްރުއަރީން 1 ވަނަ ދުވަހު އަޅުގަޑުމެންގެ ޚިޔާނާތްތެރި ފަނޑިޔާރުންތަކެއް ސުޕްރިމް ކޯޓުން ނެރުނު އަމުރެއް.. މިއަދު ހުރިހާ ހަގީގަތެެއް ހާމަވެގެން އައިއިރު ކޯއްޗަކަށްތޯ މިވީ؟ އެއަމުރަކީވެސް އިންޑިއާ އަޑީގަ އޮވެގެން ނެރުނު އަމުރެއް. އެ އަމުރު ތަންފީޒު ނުކޮށްގެން އޭރު އަޅުގަޑުގެ ސަރުކާރަށް ތިން ހަތަރު ސިޓީއެއް ޚާރިޖިއްޔާއިން ފޮނުވި.. އެއަމުރު ތަންފީޒު ނުކޮށްގެން ކިއްވެގެންތޯ އިންޑިއާ މީހުންނަށް އުދަގޫ ވެގެން މިއުޅެނީ؟ އިންޑިއާ ސަރުކާރަށް އުދަގޫވަނީ ކީއްވެތޯ؟ މީފަހެ އިންޑިއާގެ އަވަށަކީތަ؟
ރައީސް ޔާމިން ވިދާޅުވިއެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެން އެމެރިކާއަށްވެސް ޖާގަ ދެވިގެން ނުވާނެކަމަށާއި، އަވައްޓެއްރިންގެ އަވައްޓެރިކަމާ ގުޅުން އޮންނާނީ އެމީހުން ދިވެހިންނަށް އިހުތިރާމްކުރާ މިންވަރަކުން ކަމުގައެވެ. ރައީސް ޔާމިން ވިދާޅުވީ، ދާޚިލީ ކަންކަމަކީވެސް، ޚާރިޖީ ކަންކަމަކީވެސް އަދި ގައުމު ހިންގުމަކީވެސް އަމިއްލަ ކަންކަން ކަމަށާއި، އަމުދުން ދިވެހި ފަސްގަޑަށް ބާރު ހިންގުމަކީ ރައްޔިތުންގެ މަންދޫބުން ނިންމާ ގޮތެއްގެ މައްޗަށް ދިވެހި ރައްޔިތުން ކުރަންޖެހޭ ކަންކަން ކަމުގައެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭއިން ބޭރުވާން ޖެހޭނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމިން ފުނަދުއަށް ވަޑައިގަތުމުން އެމަނިކްފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަހަކު ވަނީ އެއްވެފައެވެ.