ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ، ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއެކުރެއްވީ އެމްއޭސީއެލްގެ އެކްޓިންގ އިންޗާރޖް އިބްރާހިމް ތޯހާއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ހިއްސާކުރާ އެއް ކުންފުނި ކަމަށެވެ. އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި، ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށެވެ.
އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ. އަދި ކުރިޔަށްއޮތް ތަނުގައިވެސް ސްޓެލްކޯއިން އެމްއޭސީއެލްވެސް އަދި ސަރުކާރުގެ އެހެން އެސްއޯއީސްތަކާއި އެހެން އާންމު ފަރާތްތައްވެސް އެބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން.
– މުޣުނީ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މައި އެއަރޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިކުންފުންޏާއި، @MACLmedia އާއި ދެމެދު މިއަދު ވަނީ ސޮއެކޮށްފައި. pic.twitter.com/RNk2P0jyBz
— STELCO (@STELCOMALDIVES) January 6, 2022
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ އިންޗާރޖް ތޯހާ ވިދާޅުވީ، އެއާރޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދާ ކަމަށާއި، އެއާރޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓާރޕްލޭންގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ. މި ގްރިޑާއެކު، ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާފައެވެ.