ތައިލެންޑަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ތައިލެންޑަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޖިމީ
24 ޑިސެމްބަރ 2021 10:43
0

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާއިގުޅިގެން ތައިލެންޑު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ އެކަމަށް ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. ތައިލެންޑުގައި އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު ފެތުރޭތީ މިދިޔަ ބުދަ ދުވަހުން ފެށިގެން ވަނީ ގިނަ ފިޔަވަޅުތަކެއް ތަންފީޒްކުރަން ފަށާފައެވެ.

މިކަމާއި ގުޅިގެން ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ކޯވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސް QR ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް QR ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެކަމަށާއި، 22 ޑިސެމްބަރ 2021 އިން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންކަމަށެވެ.

"ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެފައިވާ ހުރިހާ ފަރާތްތަކުންވެސް އޮން އަރައިވަލް ޕީސީއާރު ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެކަމަށާއި، މިޓެސްޓަކީ ތައި ސަރުކާރުގެ ޚަރަދުގައި ހިލޭ ހަދާދެވޭ ޓެސްޓެއްކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރުމަށް މިވަގުތު އައިސްފައިވާ ބަދަލާގުޅިގެން، ތައިލެންޑްގައި ދިރިއުޅޭ އަދި ތައިލެންޑަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދޭކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާކަމަށާއި، އަދި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރާކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށް އެދޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.