ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް އަރަބިއްޔާގެ ހާލަތުނުދޭ، މިބަންދުގައި މަރާމާތުތައް ފަށާނަން: މިނިސްޓަރ

ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް އަރަބިއްޔާގެ ހާލަތުނުދޭ، މިބަންދުގައި މަރާމާތުތައް ފަށާނަން: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 09:44
0

އަރަބިއްޔާ ސްކޫލުގެ ހާލަތާއިމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އިމާރާތުގެ މަރާމާތުތައް ކުރިއަށް އޮތް ޗުއްޓީގައި ކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލުގައި ބޮޑެތި ރެދުތަކެއްލައި އިމާރާތުގެ ހާލަތާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މިދަނޑިވަޅުގައި މިނިސްޓަރ އައިޝަތު އަލީއަށް މިއަދު ކުރެވުނު ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އިމާރާތަކީ 2013ގައި އެޅި އިމާރާތަކަށްވާއިރު، މިހާ ކުރު މުއްދަތެއްގައި ބޮޑެތި ރެދުތަކެއްލައި އިމާރާތަށް ގެއްލުންވެފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

މިނިސްޓްރީން މިކަމުގައި ހައުސިން މިނިސްޓްރީއާއި ގުޅިގެން އެސެސްމެންޓެއް ހެދިކަމަށާއި، ނަމަވެސް އެއަށްވުރެއް ފުޅާކޮށް ބަލަންޖެހޭ ކަމަކަށްވުމުން، މިހާރު އެ ޢިމާރާތުގެ ސްޓްރެކްޗަރަލް އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން އެހެން ޢިމާރާތަކަށް ބަދަލުކޮށްދިނުމަށް ގޮވާލައިފި

މިނިސްޓަރ ވިދާޅުވީ މިހާރު ހުރި ގެއްލުންތައް މަރާމާތުގެ މަސައްކަތް މިބަންދުގައި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރުގެ ހާލަތު ހުރިގޮތުން އަރަބިއްޔާ ސްކޫލުގައި ކުދިންނަށް ގެއްލުންވާ ހިސާބަކަށް އަދި އިމާރާތުގެ ހާލަތު ނުދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެހާލަތަށް ގޮސްފިނަމަ ދަރިވަރުންނަށް އެހެން ގޮތެއް ހެދައި، ހައްލެއް ހޯދައި ދެއްވާނެކަމަށެވެ.

އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން އެހެން ޢިމާރާތަކަށް ބަދަލުކޮށްދިނުމަށް ބައެއް ބެލެނިވެރިން ވަނީ ގޮވާލާފައެވެ. ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލާފައި ހުރި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ބައެއް ބެލެނިވެރިން ވަނީ، ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.