ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ ރަންދިހަފަހެއްގެ ނޫޓްތަކުގެ ތެރެއިން ގެއްލުނު އެއްހާސް ރުފިޔާގެ ފައިސާ ޕެލަޓް ހޯދައި ޚަޒާނާއަށް ވައްދައިފިނަމަ ފައިސާ ޗާޕްކުރަން ނުޖެހޭނެކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން މިވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރަށް ފައިސާ ޗާޕްކުރުމުގެ ހުއްދައަށް ސަރުކާރުން މަޖިލީހުގައި އެދިފައިވަނިކޮށެވެ. ފައިސާ ޗާޕްކުރާ މައްސަލަގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
ފައިސާ ޗާޕްކުރުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަށް އިޝާރާތްކުރައްވާ ޑރ.އިޔާޒް ވިދާޅުވީ، އެއްހާސް ރުފިޔާގެ ނޫޓު ޗާޕުކޮށްގެން ގެނައި ތަނުން ބައެއް ޕެލަޓްތައް ގެއްލުނުވާހަކަ މީހުން ކިޔާކަމަށެވެ. އެހެންކަމުން އެއީ ތެދެއްނަމަ އެބައި ހޯދާ، ޚަޒާނާ އަށް ވައްދައިގެން ފައިސާ ޗާޕު ކުރުން ހުއްޓުވިދާނެކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.
އެއްހާސް ރުފިޔާގެ ނޫޓު ޗާޕުކޮށްގެން ގެނައި ތަނުން ބައެއް ޕެލަޓްތައް ގެއްލުނުވާހަކަ މީހުން ކިޔާ. ތެދެއްނަމަ އެބައި ހޯދާ، ޚަޒާނާ އަށް ވައްދައިގެން ފައިސާ ޗާޕު ކުރުން ހުއްޓުވިދާނެ.
— Dr.Mohamed Iyaz (@dr_iyaz) November 22, 2021
ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ސަރުކާރުން މިހާތަަނަށް ވަނީ ދެފަހަރެއްގެ މަތިން ފައިސާ ޗާޕްކޮށްފައެވެ. އަދި މިހާރު ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރަން އެދުމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ ހުއްދަ ދޭން ފެންނަކަމަށް ފާސްކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ނާޝިޒް ވިދާޅުވެފައިވަނީ، އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކިޔަސް، މިއީ އިގްތިސާދީ ގޮތުން ވަރަށް އެހެން ކަހަލަ ވަގުތެއް ކަމަށް އިދިކޮޅުން ވެސް ގަބޫލު ކުރާނެ އެވެ. އޭނާ ވިދާޅުވީ ޕަބްލިކް އެކައުންޓެއް އޮންނަނީ މިކަހަލަ ބޭނުންތަކަށް ކަމަށާއި އެ އެކައުންޓް އޯޑީ ކުރަން ޖެހެނީ އާމްދަނީ ލިބުން ދަތިވީމަ ކަމަށެވެ..
ކޮމެންޓު ފޮނުވާ