ރައްޔިތުން ފޯރުންތެރިވުމުން ވޯޓަށް ނުފޫޒް ފޯރުވަން ދަތިވާނެތީ ބޯދާ ވިސްނުން ގެންގުޅުމަކީ ވެދާނެކަމެއްކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް، ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރަށް ރައްދު ދެއްވައިފިއެވެ. މައުސޫމް މިގޮތަށް ރައްދު ދެއްވާފައިމިވަނީ ހަރުދަނާ ފިޔަވަޅުތައް ނެތި ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފްކުރުމަކީ އިޖްތިމަޢީ ފޭރާން އިތުރަށް ހަލާކުވެދާނެކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވުމާއި ގުޅިގެންނެވެ.
ޑރ.މައުސޫމް ވިދާޅުވީ ކުދިކުދި ހޮޓާ ހިންގުމާއި ހޯމް ސްޓޭއާއި ދާދި އެއްވައްތަރުވާނެކަމަށެވެ. އެފަދަ ކަންކަން ރަށްރަށުގައި ޒިންމާދާރުކަމާއެކު ކުރާތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެކަމަށާއި، އެކަމުގހެ ނަތީޖާވެސް ރަނގަޅުކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. ޑރ.މައުސޫމް ވަނީ ރައްޔިތުން ފޯރުންތެރިވީމަ ވޯޓަށް ނުފޫޒް ފޯރުވަން ދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއްކަމަށް ވިދާޅުވެ އާދަމް ޝަރީފަށް ފާޑުވިދާޅުވެފައެވެ.
ހޯމް ސްޓޭއާއެކު އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވަނީ، މާލެ އަތޮޅު މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ. މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އެއްބަސްވުމުގައި ޣައިރު ޤާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެންނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް ކަންކަން ހިނގަނީ އެހެން ނޫންކަމަށް ބުނެފައެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހޯމް ސްޓޭ ޓޫރިޒަމަކީ މީހުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިން ބައިތިއްބާގޮތަށް ތަޢާރަފްކުރާ ފަތުރުވެރިކަމެވެ. ހޯމް ސްޓޭ ޓޫރިޒަމް އެންމެ ފުރަތަމަ ތަޢާރަފްކުރުމަށް ނިންމާފައިވަނީ މ.ދިއްގަރުގައެވެ.
ކޮމެންޓު ފޮނުވާ