ފްރެންޗް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިލް ކޮޅަށް މެޗުގެ ފަހުކޮޅު ޖެހި ލަނޑުތަކާއެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީން) ފަހަތުން އަރާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ލިލްއިން ޕީއެސްޖީގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ ބުރަކް ޔިލްމާޒް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާގެ ހުރަހަކަށްވީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ލިލްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޔިލްމާޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ޑޭވިޑެވެ.
ޕީއެސްޖީން މި މެޗުގައި ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މިއީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޖެލް ޑިމާރިއާ ދިން ބޯޅައަކުން ކެޕްޓަން މާކީނިއޯސް ކާމިޔާބުކުރި ލަނޑެކެވެ. މެޗުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ ޑިމާރިއާ އެވެ. މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ޑިމާރިއާ މި ލަނޑު ކާމިޔާބުކުރީ ނޭމާ ދިން ބޯޅައަކުންނެވެ. މިއީ ޕީއެސްޖީއަށް ރަނގަޅު ބަދަލުހިފުމެކެވެ. އެންމެ ފަހުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ފްރެންޗް ސުޕަ ކަޕުގައި އެ ޓީމުން ވަނީ ޕީއެސްޖީ ބަލިކޮށްފައެވެ.
މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ބާރަ މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. ލެންސް އޮތީ ދެވަނައިގައި ކުޅުނު 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން ލިލް އޮތީ ތާވަލުގެ 11 ވަނައިގައެވެ. އެއީ ކުޅުނު ބާރަ މެޗުން 15 ޕޮއިންޓާ ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ