ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޝިން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ޗައިނާ ސަފީރު ނަޝީދު އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. ވާންގް މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ. އެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ޗައިނާ ސަފީރު މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް ބައްދަލުކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެކެވެ. ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.
ކޯވިޑްގެ ޙާލަތާ ގުޅިގެން ޗައިނާއިންވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ