އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާ ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ ހަމަޖެހިލައިފިއެވެ.
މި މެޗުން ޗެލްސީ މޮޅުވީ ނޯވިޗް އާއި ބައްދަލުކޮށް 0-7 ގެ ނަތީޖާއިންނެވެ. މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ގެންދިޔައީ ޗެލްސީންނެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނިޓްގައި މައުންްޓްގެ ގޯލުން ޗެލްސީ ލީޑުނެދިއިރު، ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 18 ވަނަ މިނިޓްގައި ކާމިޔާބު ކޮށް މެޗުގެ ލީޑު ފުޅާކުރީ ކަލުމް ހަޑްސަން އޮޑޯއިގެ ގޯލުންނެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ތިން ވަނަ ގޯލު ޖެހިއިރު، މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރީސް ޖޭމްސްއެވެ.
ތިން ގޯލާއި އެކު މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލިއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ބެން ޗިލްވެލް ވަނީ ޗެލްސީގެ ހަތަރު ވަަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑުން ޗެލްސީން ފަސް ވަނަ ގޯލެއް ޖެހިއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ނޯވިޗްގެ ބެން ގިބްސަން އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުން ރަތް ކާޑު ދައްކާފައެވެ. އެއާއެކު މެޗުގެ ބާކީބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ޗެލްސީގެ ހަވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އެވެ. އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައެވެ. ޗެލްސީގެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫއާއި ޓިމޯ ވާނާއަށް އެންމެފަހުން ޗެމްޕިއަންސް ލީގުގައި މަލްމޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާއި ގުޅިގެން މި މެޗުގައި އެ ކުޅުންތެރިން ބޭނުމެއް ނުކުރެއެވެ.
މި މޮޅާއި އެކު ޗެލްސީން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ދެ ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ލިބިގެން ލިވަޕޫލެވެ. ލީގުގެ ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ އަށް މެޗުން 17 ޕޮއިންޓް ލިބިގެންނެވެ.