ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަނީ

ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަނީ

Author
މުޙައްމަދު ޖިމީ
12 އޮކްޓޯބަރ 2021 06:52
0

ހުޅުމާލޭ ހުރަވީ ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. ހުރަވީ ސްކޫލްގައި މިހާރު ކިޔަވައިދެމުން އަންނަނީ އެއް ދަންފަޅިއަށެވެ.

ހުރަވީ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމުން، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ޖާގަ ދިނުމުގެ ގޮތުންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ސްކޫލެއް ޤާއިމްކޮށްފައެއް ނުވެއެވެ. ދެވަނަ ފިޔަވައްސާއި އެންމެ ކައިރީގައި ހުންނަނީވެސް ހުރަވީ ސްކޫލެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެ ދަންފަޅިއަށް ބަދަލުކޮށް އެ ސްކޫލްގެ 54 ކްލާސްރޫމްގައި ކިޔަވައިދޭން ފަށާނީ އަންނަ އަހަރުކަމަށެވެ.

ހުރަވީ ސްކޫލްގައި މިހާރުވެސް 1600އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުން އާދެއެވެ. ދެ ދަންފަޅިއަށް އެސްކޫލްގެ ކިޔެވުން ބަދަލުކުރުމުން ހާތްގަނޑަށް 1000 ކުދިންނަށް އިތުރަށް ފުރުޞަތު ދެވޭނެކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ދެ ސްކޫލެއް ޢިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން 2400 ކުދިންގެ ޖާގައިގެ ދެ ސްކޫލް ޢިމާރާތްކުރަމުން އަންނައިރު އެ ސްކޫލްތަކުގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ފަހުކޮޅަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިވަގުތުހުރި އެންމެ ބޮޑު ސްކޫލަކީވެސް ހުރަވީ ސްކޫލެވެ. ކުރީ ސަރުކާރުން ޢިމާރާތްކުރި އެ ސްކޫލް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ 13ގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.