އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އަމިއްލަ ފަސްގަނޑުގައި ނޭޕާލް އަތުން ރާއްޖެ ބަލިވުމުން ޤައުމީ ޓީމަށާއި، ޔޫތު މިނިސްޓްރީ އަދި އެފްއޭއެމްއަށް އަމާޒުކޮށް ކުރިމަތިވާ ފާޑުކިޔުންތަކަށް މިނިސްޓަރ މަހުލޫފް ރައްދު ދެއްވައިފިއެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ރާއްޖެއިން ކުޅުނު މެޗު ނޭޕާލުން ކާމިޔާބުކޮޮށްފައިވަނީ 1 – 0 ގެ ނަތީޖާއަކުންނެވެ. ރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ރާއްޖޭގެ ފަރާތުން އުންމީދުކުރެވޭ ވަރުގެ ކުޅުމެއް ދެއްކިފައިނުވެއެވެ. މެޗަށްފަހު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު މިކަމާއި ގުޅިގެން މިނިސްޓަރ މަހުލޫފް ވަނީ ރައްދު ދެއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މިއީ އަދު އުންމީދު ކަނޑާލައި ހިތްވަރު ދޫކުރަންވީ ވަގުތު ނޫންކަމަށެވެ. ކިތަންމެ ވަރަކަށް ފާޑުކިޔައި ޖޯކު ޖެހިޔަސް ފަސް އެނބުރި ނުބަލައި ދެން އޮތީ ބަންގްލަދޭޗް މެޗަށް ރަނގަޅަށް ތައްޔާރުވުން ކަމަށާއި، އެމެޗު ކާމިޔާބުކޮށް މުބާރާތުގައި ހާސިލް ކުރަން ބޭނުންވާ އަމާޒަށް ދިއުމަށް ދިވެހި ޓީމުގެ އަޒުމް ކަނޑައަޅަންވީކަމަށް މަހުލޫފް ވިދާޅުވިއެވެ.
ޓީމު ވަރަށްގަދަ، ރަނގަޅަށްކުޅެ ފުރުސަތުގެ ބޭނުން ނުހިފުނީ. ޖަހާ ޖޯކަކަށް އަދި ކުރާ މަލާމާތަކަށް ނުބަލާ އިތުރު ހިތްވަރާއެކު ބަންގްލަދޭޝް މެޗު ކަމިޔާބުކުރަން އަޒުމް ކަނޑައަޅަންވީ. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ އަދި މިފެށުނީ.
– މަހުލޫފް ވިދާޅުވިއެވެ.
ޓީމު ވަރަށްގަދަ، ރަނގަޅަށްކުޅެ ފުރުސަތުގެ ބޭނުން ނުހިފުނީ.
ޖަހާ ޖޯކަކަށް އަދި ކުރާ މަލާމާތަކަށް ނުބަލާ އިތުރު ހިތްވަރާއެކު ބަންގްލަދޭޝް މެޗު ކަމިޔާބުކުރަން އަޒުމް ކަނޑައަޅަންވީ.އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ އަދި މިފެށުނީ.
???? pic.twitter.com/xsOkWAzvsk— Ahmed Mahloof (@AhmedMahloof) October 1, 2021
މެޗަށްފަހު ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނީ މެޗުން ބަލިވީ ރަނގަޅަށް ފުރުސަތުތައް ތަނަވަސް ނުކުރެވިގެންކަމަށާއި، ކުޅުން މުޅިން ގޯސް ނޫންކަމަށެވެ. ނޭޕާލްގެ ގޭމް ޕްލޭނާއި އެއްގޮތަށް އެޓީމުން ވަރަށް ރަނގަޅަށް ކުޅެފިކަމަށާއި، ކައުންޓަރ އެޓޭކުގައި އެޓީމުން ނުރައްކާ ކުރިކަމަށް ކޯޗު ސުޒޭން ބުންޏެވެ. އަދި ކޮންމެ ފަހަރަކުވެސް އެ ޕްރެޝަރުވެސް ފެންނަކަމަށް އޭނާ ބުންޏެވެ.
ސުޒޭން ބުނީ މި މެޗުން ބަލިވުމަކީ ބޮޑު ޕްރެޝަރެއްކަމަށާއި، މިހާރު މިއޮތީ އަލުން ފަށަން ޖެހިފައިކަމަށެވެ. އެހެންނަމަވެސް އަދިވެސް ދިވެހި ޓީމް މުބާރާތުގައި ދާން ބޭނުންވާ ހިސާބަށް ދެވޭނެކަމުގެ އުއްމީދު ވެސް ޔަގީންކަން ވެސް އެބައޮތްކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ