އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސިކަން އިޢުލާންކުރެއްވީ މިއަދު މެންދުރު ފަހު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމީޔާތެއްގައެވެ. މި އެއްބަސްވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެހިގެން ދިއުމާއެކު، މުބާރާތް ކުރިޔަށްދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގެ ނަމުގައެވެ. މުބާރާތް ކުރިޔަށް ދާނީ އަންނަ މަހުގެ 1 އިން 16 އަށް ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ ޖަޕާނުގެ ސުޒުކީ ކުންފުންޏެވެ. އެފަހަރު މުބާރާތް ބޭއްވީ "ސާފް ސުޒުކީ ކަޕް" ގެ ނަމުގައެވެ.
2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ 2 ވަނަ ފަހަރެއެވެ. މީގެ ކުރިން 2008 ވަނަ ރާއްޖެއިން ވަނީ ސްރީލަންކާ އާއި ގުޅިގެން މި މުބާރާތް ހޯސްޓް ކޮށްފައެވެ. ނަމަވެސް މިއީ ހަމައެކަނި ރާއްޖޭގައި މި މުބާރާތް ކުރިޔަށްގެންދާ ފުރަތަމަ ފަހަރެއެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއެވެ.
ކޮމެންޓު ފޮނުވާ