މާލެ ސިޓީގެ ގޭބިސީތަކުން އުކާލާ ކުނި ނުނަގައި މާލެ ސިޓީ ކައުންސިލަށް ޖެއްސުންކޮށް، މާލެ ގޮޑަކަށް ހެދުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތަށް ފުރުސަތު ނުދެއްވާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޯވިޑާއި ގުޅިގެން ގޭގެއިން ކުނި ނެގުން މެދު ކަނޑާލުމަށްފަހު އިއްޔެއިން ފެށިގެން ވެމްކޯއިން ބުނެފައިވަނީ ކުނި ނަގާނީ ގޭގެއަށް ވަދެކަމަށެވެ. ނަމަވެސް އިއްޔެ ގިނަ ގޭގޭގެ މަގުތަކުގައި ކުނި ނުނަގައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ މާލެ ސިޓީ ކައުންސިލަށް އަމާޒުވެފައެވެ.
މިކަމާއިގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ޖެއްސުން ކުރުމަށްޓަކައި، މާލެތެރޭގައި ކުނި ނުނަގައި، މާލެ ގޮޑަކަށް ހެދުމުގެ ފުރުސަތު ވެމްކޯއަށް ނުދެއްވާނެކަމަށެވެ. މިކަމުގައި މާލެ ސިޓީ ކައުންސިލުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސިޓީ ކައުންސިލުން ފަސް ނުޖެހޭނެކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން https://t.co/EZRSpykQKy
— Dr Mohamed Muizzu (@MMuizzu) September 16, 2021
މުއިއްޒު ވަނީ މީގެ ކުރިންވެސް ވެމްކޯއަށް ސިޓީ ކައުންސިލުން ބޮޑު ބަޖެޓެއް ދީގެން ކުނި ނެގުމުގެ ކަންކަން ކުރާއިރުވެސް އެކަން ވެމްކޯއިން ނުކުރާކަން ފާހަގަކޮށްފައެވެ. ވެމްކޯއިން އިއްޔެ ކުނި ނެގުމަށް ގެނައި ބަދަލާއިއެކު ކުނި ނަގާނެ ގަޑިތަކެއްގެ ގޮތުގައި ވެމްކޯއިން ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 ކުން ފެށިގެން ރޭގަނޑުގެ 11 ޖެހުމާހަމައަށެވެ.
އިއްޔެއިން ފެށިގެން ކޮންމެ ގޭބިސީއެއްގެ ކޮންމެ ފަންގިފިލާއަކުން ކުނި ނެގުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިނަމަވެސް މިމަސައްކަތް އަދި މާ ރަނގަޅަކަށް ނުދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ