6 މޭގެ ޓެރަރިސް ހަމަލާއަށްފަހު، އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
މިއީ މެއި 6 ގެ ހަމަލާއަށް ފަހު އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަިވަނީ، މިއަދު ރާއްޖޭގަޑިން 12:30 ގައި އޮންލައިން ކޮށެވެ.
6 މޭގެ ޓެރަރިސްޓު ހަމަލާއަށަފަހު، ފަރުވާ ހޯއްދެވުމަށް އެންމެ ފުރަތަމަ ނަޝީދު ވަޑައިގަތީ ޖަރުމަނުވިލާތަށެވެ. އަދި އެއަށްފަހު، ރާއްޖެ ވަޑައި ނުގެން އިތުރު ފަރުވާ ހޯއްދެވުމަށް ނަޝީދު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ.
އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށްފަހު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖެ ވަޑައިގަތުމަށް ދެން ބޭނުންފުޅުވަނީ، ޓެރަރިސްޓް ހަމަލާގެ ތަހުގީގުނިމި، މި ހަމަލާއަށް ފަންޑު ކުރިމީހުންވެސް ހޯދި، މި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަން ކަށަވަރުވުމުން ކަމުގައެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ނަޝީދުވަނީ، ރައްޔިތުންގެ މަޖިލިހުން ކުރިޔަށް ގެންދަވާ އާސްކް ސްޕީކަރ ޕްރޮގްރާމްގެ އެއް ސިލްސިލާވެސް އޮންލައިންކޮށް ކުރިޔަށް ގެންދަވާފައެވެ. އަދި ނަޝީދު ގެންދަވަނީ، އިނގިރޭސިވިލާތުގައި ހުންނަވައިގެން، ބައިނަލް އަގުވާމީ ބައެއް އިސްފަރާތްތަކާވެސް ބައްދަލު ކުރައްވަމުންނެވެ.
6 މޭގެ ޓޭރަރިސް ހަމަލާއަށްފަހު، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ނަޝީދުވަނީ، ސިޔާސީ ގޮތުންވެސް މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ނަޝީދުވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވާ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު މަސައްކަތް ކުރަން ބޭނުންފުޅުވާ ކަން ވެސް ހާމަ ކުރައްވާފައެވެ.
އަދި މީގެއިތުންވެސް، ނަޝީދު ގެންދަވަނީ ރާއްޖެގެ މިހާރު އޮތް ރިޔާސީ ނިޒާމް އުވާލާ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ، ބަރުލަމާނީ ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން، ބަރުލަމާނީ ޕެޓިޝަނެއްގައި ސޮއިވެސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ