ރައީސް ޔާމީނަށް ހުކުމްކުރި 3 ފަނޑިޔާރެއްގެ އޯޑިއޯ ލީކުވި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ސުވާލާއި ގުޅިގެން ޝައިޚު އަލީ ޒައިދާއި، ޑރ.އިޔާޒު ރައްދު ދެއްވައިފިއެވެ.
ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަކި ގޮތަކަށް ހުކުމް ކުރަން އަދި ރިޝްވަތާއި މަތީ މަޤާމާއި، ހަދިޔާ ދޭނެ ކަމަށްބުނެ ވައުދުވެ ފަނޑިޔާރުންނަށް ގުޅާ ހައްދަވަނީ ރައީސް އޮފީހުގެ އުޅޭ ކުއްޖެއްކަމަށް އަޑުއިވޭކަމަށެވެ. ޝަހީމް އިޝާރާތް ކުރައްވާ ބޭފުޅަކީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށެވެ. ޝަހީމް ވިދާޅުވީ އެކި ކޯޓުތަކުގެ ފަނޑިޔާރުންނަށް އޭނާ ގުޅާވާހަކައަކީ މަޝްހޫރު ވާހަކައެއް ކަމަށާއި، ދީނީ ގޮތުން އެއީ ކޮންކަހަލަ ކަމެއްތޯ ކަމަށެވެ.
Vaki gothakah Hukum kuran edhi rishvathaai mathee maqaamai hadhiyaa dheyne kamah bune vaudhuve fandiyaarunah gulhaa handhanee raees office ga ulhey kujjeko? Eki court thakuge fadiyaarunah eynaa gulhaavaahaka aki mashooru vahakaeh.Miee dheenee gothun kon kahala kameh @alizaid1000 https://t.co/41ppoKLjwj
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 30, 2021
ޝަހީމްގެ މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝައިޚު އަލީ ޒައިދު ވިދާޅުވީ ވަރަށް މަޝްހޫރު ދޮގުވާހަތައްވެސް ހުންނާނެކަން ޑރ.ޝަހީމަށް އޮޅިފައި ނުވާނެކަމަށެވެ. މިއާއިއެކު ޑރ.ޝަހީމް ކުރެއްވި ސުވާލަކީ ރިޝްވަތު ދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. މީގެ ޖަވާބުގައި ޝައިޚު އަލީ ޒައިދު ވިދާޅުވީ ރިޝްވަތު ދިނުމަކީ ހަރާމްކަމެއް ކަމަށެވެ. އަދި ރިޝްވަތު ދިންކަން ސާބިތު ކުރުމަކީ ތުހުމަތު ކުރާ މީހެއްގެ ޒިންމާއެއް ކަމަށެވެ.
ޒައިދުގެ މިވާހަތަކަށް ތާއީދު ކުރައްވައި، ޑރ.އިޔާޒު ވިދާޅުވީ ކުރީ ސަރުކާރުން އެފަދަ ކަންކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެހެން މީހުންވެސް އެފަދަ ކަންކަން ކުރައްވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ރައީސް ޞާލިހުގެ ސަރުކާރުން އެފަދަ މުޑުދާރު ކަންކަން ނުކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ލީކުވެފައިވާ އޮޑިއޯތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ރައީސް ޞާލިހާއި ބައްދަލު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާއި، އެބޭފުޅުންނާއި ބައްދަލު ކުރައްވާފައެވ. މިބައްދަލުވުމުގައި އަލީ ޒާހިރު ވަނީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް އެފަދަ ކަމެއް ކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ