އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ނެގެޓިވް ޕީސީއާރު ނަތީޖާއަކާއި ނުލައި، ކަރަންޓީނުނުވެ ބަލިފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރު ކުރެވޭނެ އުސޫލެއް އެޗްޕީއޭއިން އެކުލަވާލައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، ސެޕްޓެމްބަރު 1ގެ ފަހުން ގިނަ ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައި ވާކަމަށެވެ.
އެގޮތުން 5 އިންސައްތައަށްވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ރަށަކުން، ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންޖަހާފައިވާ ރަށަކަށް ދަތުރުކުރާނަމަ ނެގެޓިވް ޕީސީއާރުނެތި ކަރަންޓީނު ވުމާނުލައި 1 ސެޕްޓެމްބަރުން ފެށިގެން ދަތުރުކުރެވޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.
" ވެކްސިން ޖަހާ އުމުރުފުރާ ކުރިއަށް އޮތްތާ ބަދަލުވާނީ 12 އަހަރުން މައްޗަށް، މި އާބާދީގެ 90 އިންސައްތަ މީހުނާއި 60 އަހަރުން މަތީގެ 95 އިންސައްތަ މީހުނާއި، ގެސްޓްހައުސް ހިންގާ ރަށެއް ނަމަ، ގެސްޓްހައުސް މުވައްޒަފުންގެ 95 އިންސައްތަ ވެކްސިން ކަވަރޭޖް ހަމަވީމާ މިލުއިތަށް ލިބޭނެ"
– ޑރ. ނަޒްލާ
މިހާރު އޮންނަ ގޮތުން ނަމަ ވެކްސިންގެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ ފަރާތްތަކަށްވެސް އަތޮޅުތެރެއަށް ދަތުރުކުރެވެނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ އަކާއެކުގައެވެ.
ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭއިން ނިންމާފައި މިވަނީ ރާއްޖޭގައި ކޯވިޑްފެތުރޭ މިންވަރު ދަށްވުމާއި ކޯވިޑުން ރައްކާތެރިވުމަށް ވެކްސިންޖަހާ މީހުންގެ އަދަދު މަތިވަމުން ދާތީއެވެ.
އެގޮތުން މާދަމާއިން ފެށިގެންވެސް މާލޭ ސަރަހައްދުގައި އިތުރު ލުއިތަކެއް ދިނުމަށްވެސް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ރެސްޓޯރެންޓް ކެފޭ އާންމުގަޑިތަކުގައި ހުޅުވުމަށް ހުއްދަދިނުމާއި، ހަފްލާ ތަކާއި ޕާޓީތައް ބޭއްވުމަށް ހުއްދަދިނުމުގެ އިތުރުން އޮފީސްތަކަށް މީހުން ހާޒިރުވެގެން ހިދުމަތް ދިނުމަށް ހުޅުވާލުމާއި، ސްކޫލްތަކާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުމަށް ހުއްދަ ދިނުންވެސް ހިމެނެއެވެ.