އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ރޭ އިފްތިތާހުކުރި ކެމްޕެއިންގައި ބައިވެރިވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދިން ދައުވަތަށް ސަރުކާރު ކޯލިޝަންގަިއ ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ދެކޮޅު ހަދައިފިއެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ކެންޕެއިން އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފައެވެ.
މިކަމާގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން ވިދާޅުވީ ދިވެހިންނަކީ މީގެ 56 އަހަރު ކުރިން މިނިވަންކަން ހޯދާފައި އޮތް 100 އިންސައްތަ މުސްލިމް ދައުލަތެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރާ ނަމަ އެކަން ހުއްޓުވަން ޖޭޕީން އަބަދުވެސް ތެދުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް އަދުގެ ސަރުކާރުންވެސް އަދި ރައީސުލް ޖުމްހޫރިއްޔާވެސް ނުކުރައްވާކަމަށް ޖޭޕީގެ ތަރުޖަމާނު ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތަށް ނުރައްކާވެ ރައްޔިތުން ނިކަމެތިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ އިސް ނަގައިގެން ނިކުންނާނީ އަދާލަތު ޕާޓީ ކަމަށާއި އެކަން މާޒީން އެ ޕާޓީ ސާބިތު ކޮށްދީފައިވާނެ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި އެފަދަ ހާލަތެއް ނެތް ކަމަށާއި، އެކި ނަންނަމުގައި ގައުމު ހަލަބޮލި ކުރަން އުޅުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކުން ވެސް އިސްކަންދޭންވީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުގެ އަސަރު ދިވެހިރާއްޖެއަށް ކުޑަކުރެވޭނެ މަގަކަށް މަސައްކަތް ކުރަން ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން އެކްޓިން ލީޑަރު އަދުރޭ ދައުވަތު ދެއްވިއިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދައިގެން ވެރިކަމަށް އާދެވޭނީ ގައުމުގައި މިނިވަންކަން އޮވެގެން ކަމަށާއި އެހެންކަމުން މި ހުރިހާ ލީޑަރުންވެސް މިއީ ގައުމީ މަސައްކަތެއް ކަމުގައި ދެކެގެން ކެމްޕޭނުގައި ބައިވެރިވުމަކީ އެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އިދިކޮޅުން ފެށި މި ކެމްޕެއިނަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމަށް އެ ކޯލިޝަނުން ފެށި ކެމްޕެއިނެއް ކަމަށް ޕީޕީއެމުން ރޭ ވަނީ ބުނެފައެވެ.