ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ

ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 02:07
0

ކޮވެކްސް ފެސިލީޓިގެ ދަށުން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިިފިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވެކްސް ފެސިލީޓިގެ ދަށުން 11 މިލިއަަން ޑޯޒްގެ ވެކްސިން 10 ގައުމަކަށް ގައުމަކަށް ހަދިޔާކުރަން ނިންމާފައިވާ ވާއިރު އޭގެތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށާއި، އެކަމަށްޓަަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ.

ކޯވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ނޫނަސް، ދިވެހި ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން ރަޝިޔާގެ ވެކްސިނާއި ސިންގަޕޫރުގެ ވެކްސިން ހޯދުމުގެ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ބުނެފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ ވެސް ހިމެނެއެވެ.

ހަމަ ކޮވެކްސްގެ ދަށުން ކެނެޑާއިން ވެސް ރާއްޖެ އަށް އެހީ ފޮނުވަން ވަނީ ނިންމައިފަ އެވެ. ކޮވެކްސް ފެސިލިޓީ އަށް ކެނެޑާ އިން ހަދިޔާކުރި ފައިސާ އިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށް، ކެނެޑާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރުވެސް ވެކްސިން ޕްރޮގްރާމް ކުރިއަށްދާއިރު، ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޯފާމް ވެކްސިންއާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.