ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިންމަހަކުން ލޭ ހަދިޔާކުރަނީ

ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިންމަހަކުން ލޭ ހަދިޔާކުރަނީ

Author
ޢަލީ އާދަމް
14 ޖޫން 2021 06:27
0

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ބީއެމްއެލް ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.

މިގޮތުން މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާކޮށްފަ އެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށްވެސް ނިންމާފައި ވާކަމަށް ބެންކުން ބުނެއެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައިވެސް ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭޕް ކުރިޔަށް ގެންގޮސްފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ. ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

ބެންކުން ބުނީ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.