މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ރަސްމީކޮށް ފަށާފައިވާއިރު، އެކި ގައުމުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސައުދީ އަރަބިއްޔާއަށް ޖަމާވެފައެވެ.
ސައުދީގެ ހައްޖު ޕާސްޕޯޓް ފޯސްގެ ކޮމާންޑަރު ސާލިހް ބިން ސައުދު އަލް މުރައްބާ ހާމަކުރެއްވި ގޮތުގައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން އެ ގައުމަށް އެތެރެވި ބޭރުގެ ހައްޖުވެރިންގެ އަދަދު މިހާރު ވަނީ ދޮޅު މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ހައްޖުގެ އަޅުކަމަށް މުސްލިމުންގެ ހިތްތަކުގައި އޮތް ޝައުގުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މިހާ ގިނަ ބަޔަކު އެއްފަހަރާ މައްކާއާއި މުގައްދަސް ބިންތަކަށް ޖަމާވުމާ ގުޅިގެން، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ސަލާމަތީ ބާރުތައް ތައްޔާރީ ހާލަތެއްގައި ހަރަކާތްތެރިވަމުން އަންނައިރު، ހައްޖުވެރިންނަށް ބޭނުންވާ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސައުދީގެ އެތައް ހާސް މުވައްޒަފުންނެއް ދަނީ ރެއާދުވާލު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ