ތުރުކީ ބަލިކޮށް އިޓަލީން ޔޫރޯގެ ފެށުން ރަނގަޅުކޮށްފި

ތުރުކީ ބަލިކޮށް އިޓަލީން ޔޫރޯގެ ފެށުން ރަނގަޅުކޮށްފި

Author
ޔޫސުފް
12 ޖޫން 2021 02:28
0

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ތުރުކީ ބަލިކޮށް އިޓަލީން ފެށުން ރަނގަޅުކޮށްފިއެވެ.

އިޓަލީގެ ރޯމްގެ ސްޓޭޑިއަމްގައި އެޓީމު މެޗު ކާމިޔާބުކުރީ ތުރުކީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ހޯދި މޮޅާއެކު އިޓަލީ ވަނީ 2018 ވަނަ އަހަރުގެ ފަހުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ހިފަހައްޓާފައެވެ. އެގޮތުން މިއީ އިޓަލީ ބަލިނުވެ ނިންމާލި 28 ވަނަ މެޗެއެވެ.

ގްރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗު އިޓަލީން ކާމިޔާބުކޮށްފައިވާއިރު، ދެން މި ގްރޫޕްގައި ހިމެނޭ ޤައުމުތަކަކީ، ވޭލްސް އާއި ސްވިޒަލެންޑްގެ އިތުރުން ތުރުކީއެވެ.

އިޓަލީ އާއި ތުރުކީ ބައްދަލުކުރި މެޗު ފަށައިގެން ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ ގިނަ ހަމަލާތައް އިޓަލީން ވަނީ ތުރުކީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

މި މެޗުގައި އިޓަލީގެ ފުރަތަމަ ލަނޑަކީ ތުރުކީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެއެވެ. މި ލަނޑަކީ މެޗުގެ 53 ވަނަ މިނެޓުގައި އިޓަލީގެ ޑޮމެނިކޯ ބެރާޑީ ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ ޑެމިރަލްގެ މޭމަތީގައި ޖެހިފައި ގޯލަށް ވަން ލަނޑެކެއެވެ. އިޓަލީން ލީޑު ފުޅާކުރި ލަނޑު މެޗުގެ 66 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޗެރީ އިމޮބިލޭއެވެ. އަދި ތިން ވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ،  ލޮރެންޒޯ އިންސީނިއޭއެވެ.

މި މުބާރާތުގައި މިއަދު ހަވީރު 6 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ވޭލްސް އާއި ސްވިޒަލެންޑެވެ. މިރޭ ދެން ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. ރޭގަނޑު 9 ޖަހާއިރު ފަށާ މެޗުގައި ޑެންމާކާއި މުބާރާތުގައި އަލަށް ވާދަކުރާ ފިންލެންޑް ކުޅޭއިރު ދަންވަރު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި ރަޝިއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.