ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި މަޖިލީހުގެ އިދާރާއިން އެދިއްޖެ އެވެ.
މަޖިލީހުން އެދިފައިވަނީ ޒަމީލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމުގެ ދައުވާ އުފުލައި ދިނުމަށެވެ.
މިކަމަށް މަޖިލީހުގެ އިދާރާއިން އެދިފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް 40 ސިފައިން ވަކިވަކިން ހާޒިރުކޮށްދޭން އެމްއެންޑީއެފްގައި އެދުމުން އެކަން ނުވާނެ ކަމަށް އަންގަވައި މަޖިލީހަށް ފޮނުވި ސިޓީގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.
ޒަމީލު ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ އެވެ. އެކަމުގައި ޖަވާބުދާރީވާނީ މުޅި މުއައްސަސާއިންނެވެ.
241 ކޮމިޓީއަށް ސަލާމަތީ ބާރުތަކުގެ ބޭފުޅުން ހާޒިކޮށްގެން ކުރިއަށްގެންދަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތުގެ އިންކުއަރީއެވެ.
މި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުވާނެ ކަމަށް މަޖިލީހަށް އަންގާފައި ވީނަމަވެސް، މިއަދު ވަނީ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވަކި ވަކީން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ