ކައުންޓަ ޓެރަރިޒަމްގެ ވެރިޔާވެސް އިންކުއަރީއަށް ޙާޒިރުކޮށްފި

 ކައުންޓަ ޓެރަރިޒަމްގެ ވެރިޔާވެސް އިންކުއަރީއަށް ޙާޒިރުކޮށްފި

Author
މުޙައްމަދު ޖިމީ
05 ޖޫން 2021 03:21
0

ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް  ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްވެސް ހާޒިރުކޮށްފިއެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފަރީދު ޙާޒިރުކުރިނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ. ކޮމިޓިން ކުރިއަށްގެންދާ ބައްދަލުވުންތައް ވަނީ ސިއްރުކޮށްފައެވެ.

ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ޙާޒިރުކޮށްފައިވާއިރު، މިއަދު ވަނީ ސީޕީ މުޙައްމަދު ހަމީދުވެސް ޙާޒިރުކޮށްފައެވެ. އެކޮމިޓީގެ ފުލުހުންގެ އިސް 5 ބޭފުޅަކު ޙާޒިރުކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމިޓީޢަށް ސަލާމަތީ ޚިދުމަތްތަކުގެ ވަކިވަކި މީހުން  ހާޒިރުކުރުމުގެ މައްސަލަ ވަނީ ހޫނުވެފައެވެ. ސަބަބކީ ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފް އިން ބުނުމާއި ގުޅިގެންނެވެ. ނަމަވެސް މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މަޖިލީހަށް އެމްއެންޑީއެފް އިން ގޮން ޖެއްސެވީކަމަށް ވިދާލުވެ ފާޑުވިދާޅުވެފައެވެ. މަޖިލީހަށް ސަލާމަތީ ޚިދުމަތްތަކުގެ ވަކިވަކި އޮފިސަރުންވެސް ޙާޒިރުކުރެވޭނެކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ޙާޒިރުވުމުގެ ބަދަލުގައި، މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިންކަމަށްބުނެފައެވެ. އެމްއެންޑީއެފް އިން ބުނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަމަށް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ ވަކިވަކި އޮފިސަރުން ޙަޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފް އިން ބުނެފައިވާއިރު، ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އަށް ލިބިފައިވާކަން ވަނީ ހާމަވެފައެވެ. މިއާއެކު މިނިސްތަރުގެ އިސްތިއުފާއަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.