މިޝްކާގެ މަރު: އެމްބިއުލަންސް ފޮނުވިކަމަށްބުނެ އާއިލާއަށް ދިނީ ދޮގު މަޢުލޫމާތު، އުސޫލާ ޚިލާފް އެތައް ކަމެއް

މިޝްކާގެ މަރު: އެމްބިއުލަންސް ފޮނުވިކަމަށްބުނެ އާއިލާއަށް ދިނީ ދޮގު މަޢުލޫމާތު، އުސޫލާ ޚިލާފް އެތައް ކަމެއް

Author
މުޙައްމަދު ޖިމީ
05 ޖޫން 2021 12:44
0

މިދިޔަ އަންގާރަ ދުވަހު 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކށް އަމަލުކޮށްފައިނުވާ އެތައްކަމެއް ހުރިކަން މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓުން ހާމަވެއްޖެއެވެ. އެގޮތުން އެމްބިއުލަންސް ފޮނުވާފައިވާކަމަށް ބުނެ އާއިލާއަށް ދީފައިވަނީ ދޮގު މަޢުލޫމާތުކަންވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

މިޝްކާގެ މަރާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހެދި ރިވިއުގައި ވަނީ ކަންބޮޑުވާ އެތައް ކަމެއް ހާމަވެގެންގޮސްފައެވެ. އެގޮތުން ގޮތުން މިޝްކާގެ ޙާލަތު މޭއިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ގޯސްވާން ފަށާފައިވާއިރު އެކަން ޢާއިލާއިން އެޗްޕީއޭއާއި ހިއްސާކުރަމުން ގޮސްފައިވާކަމާއި، އެރޭ މިޝްކާގެ ޙާލަތު އިތުރަށް ގޯސްވަމުންދިޔަކަން ޢާއިލާއިން ހިއްސާކުރުމުން އެމަރޖެންސީގައި ޢަމަލުކުރަންޖެހޭ ގޮތަށް އެޗްޕީއޭގެ ކޯލް ސެންޓަރުން ޢަމަލުކޮށްފައިނުވާކަންވެސް ހާމަވެފައިވެއެވެ. އެގޮތުން އިމަރޖަންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަންވަނީ ރިވިއުއިން ހާމަވެފައެވެ. ނަމަވެސް އެމްބިއުލަންސް ފޮނުވާފައިވާކަމަށް ބުނެ އާއިލާއަށް އެޗްއީއޯސީން ދޮގުހަދާފައިވާކަންވެސް އެރިޕޯޓުން ހާމަވެއެވެ.

ކަންހިނގާފައިވާ ގޮތްކަމަށް ރިޕޯޓްގައި ބަޔާންކުރާ ކަންކަން

– ކޮވިޑް 19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން 28 މެއި 2021 ވަނަދުވަހު ނެގި ސާމްޕަލްވަނީ، 29 މެއި 2021 ގައި ޓެސްޓްކޮށްފައެވެ. 30 މެއި 2021 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގ ޓީމުން ބެލެނިވެރިޔާއަށް ގުޅާ ފާތިމަތު މިޝްކާ މުޙައްމަދު މިބައްޔަށް ފައްސިވެފައިވާކަން އެންގިއެވެ.
– ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. މިކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ޝީޓުގައި ރެކޯޑްކޮށްފައިވެއެވެ. ނަމަވެސް، އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ.

– ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، މަޢުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މަޢުލޫމާތެއް އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހެއެވެ. ނަމަވެސް، މި މަޢުލޫމާތު ސިސްޓަމަށް އަޕްޑޭޓްކޮށްފައެއްނުވެއެވެ.
– އުސޫލު ހަމަޖެހިފައިވާގޮތުން، ކޮވިޑް 19އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް، މިކްލަސްޓަރއިންވެސް މި ދެ ދުވަހުގެ ތެރޭގައި ފާތިމަތު މިޝްކާ މުޙައްމަދުގެ ޙާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

ހާދިސާއާ ގުޅިގެން މިހާތަނަށް ފާހަގަކުރެވުނު ކަންކަން

– ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކޮށްފައިނެތުމާއި އެމްބިއުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައިނުވާކަން.
– އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަން.
މިއީ އިމަރޖެންސީ ހާލަތަކަށް ވީހިނދު، އަދި ޑީ.އެމް.އާރ.ޓީ އާއި ސީ.މެޓަށް އެމަޢުލޫމާތު ހިއްސާކުރެވި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލަންސް ފޮނުވަން އަންގާފައިނުވާކަން.

– މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން.

– އިމަރޖެންސީ މެޑިކަލް ސަރވިސް (ބީއެމްއެސް) އަށް މަޢުލޫމާތު ލިބި ވަގުތުން އެމްބިއުލަންސް އެކްޓިވޭޓްކޮށް، 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާކަން.

 

މިޝްކާގެ މަރާއ ގުޅޭގޮތުން ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ވަނީ، މިހާދިސާއާ ގުޅިގެން ދެވަނަ ފަހަރަށް އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިހާތަނަށް ކުރެވެމުންދާ ކަންކަންވެސް ހިމަނާފައެވެ. އެގޮތުން އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވުން ހިމެނެއެވެ. އެގޮތުން  ކޯލް ސެންޓަރަށް އަންނަ އިމަރޖެންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމާއި، ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަރޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒްކުރެވޭނެ ނިޒާމް ހަރުދަނާކުރުން ހިމެނެއެވެ. އަދި އިމަރޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަރޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމްތައް ހަމަޖެއްސުން. އަދި މަދު
ޅެއްގެ ތެރޭގައި އިމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުމާއި، އިމަރޖެންސީ ކޭސްއަކާ ގުޅޭ މަޢުލޫމާތު ޑީއެމްއާރްޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި، މި އިންތިޒާމްތައް ހަމަޖެއްސުންވެސް ހިމެނެއެވެ. އަދި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑްވެވޭކަން ކަށަވަރުކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން، އިމަރޖެންސީ ކޭސްތަކުގައި، ޑީއެމްއާރްޓީއިން ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމްތައް ރޭވުމާއި، އެކަމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ "އޯބީ" ސިސްޓަމް ހުރިހާ ކްލަސްޓަރތަކަކުން، ގަވައިދުން ކުރަމުންގެންދާކަން ކަށަވަރުކުރުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިއޮތުން ހިމެނެއެވެ. އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ކޮވިޑް19 އަށް ފައްސިވާ ފަރާތްތައް، ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ
އިންތިޒާމް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ހަމަޖައްސައި، އެތަންތަނަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރެވެމުން. އަދި މިތަންތަނަށް ކޮވިޑް19 އަށް ފައްސިވެފައިވާ ފަރާތްތައް "ވޯކް އިން" ކޮށްގެން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށާއި، ކޮވިޑް19 އަށް ފައްސިވާ ފަރާތަކުން އިމަރޖެންސީ ހާލަތުގައި އެމްބިއުލަންސް ހޯދުމަށް ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެ ތަނަކުން އެ ފަރާތެއް ބޭނުންވާ ސިއްހީ ޚިދުމަތް ދިނުމަށްޓަކައި އެމްބިއުލަންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިމަރޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމްކޮށް، އިމަރޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑް ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމް ހަމަޖައްސައި، އެޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިޝްކާގެ މަރުގެ ތަހުގީގީ ރިވިއ ރިޕޯޓުން ކަމާ ގުޅުންހުރި ފަރާތްތަކުގެ އިހުމާލު ބޮޑުކަން ވަނީ ހާމަވެފައެވެ. ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ކުރިން ވިދާޅުވެފައިވަނީ މި މައްސަލާހައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާހިރު
ކެރަފާ ނަސީމު އިސްތިއުފާ. ނާޤާބިލު ވަޒީރު ބޭރުކުރޭ
މ މުރޫ
ސީދާ މިނިސްޓަރިގެ ފެއިލުވެފަ.ވަކިކުރޭ މިހާރި
މ މޫސަ
ކޮބާ އިހުމާލުވި ހެލުތުގެ ވަޒީރު ނަސީމު އިސްތިއުފާދީފިތޯ؟ ނުދޭނެ އެއްކަމެއްވެސް ނުކުރެވޭނެ މަޖިލިސްވެސް ހަމަހިމޭނުން ކިހާދެރަކަމެއްދޯ މިދެން؟ ނަސީމު ވަކިކުރެ މިހާރު
ީ ީއިހުސާސް
ހަމައެކަނި ހެލްތް ކުއްވެރި ނުވާނެ! ކޮބާ މައިންބަފައިންގެ ޒިންމާ؟ ހަމަ ގައިމު ވެސް އަހަރެންގެ ދަރިއެއް ނަމަ ތި އެންބިއުލެންސަކަށް ތި އެޗް.ޕީ.އޭ އަކަށް ނުބަލާނަން! ކާރެއް ވިޔަސް ސައިކަލެއް ވިޔަސް ގާޑިޔާގަނޑެއް ވިޔަސް ހޯދައިގެން ހޮސްޕިޓަލް އަށް ގެންދާނަން! ތި އެންބިއުލެންސަކަށް ތި އެޗް.ޕީ.އޭ އަކަށް ނުބަލާނަން! ޚުއްޖާގެ ފުރާނަ މުހިއްމުވާނީ! ތިކަމުގަ އާއިލާގެ ޒިންމާ ބޮޑު ހެން އަޅުގަނޑު އަށް ހީވަނީ... ތީގަ ހަމައެކަނި ހެލްތް މިނިސްޓުރީގެ ޒިންމާ އެއް ނޫން ހަމައެކަނި އޮތީ... ތީގަ އާއިލާގެ ޒިންމާ ވެސް ވަރައް ބޮޑު....