ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241) ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހާޒިރުވުމަށް އަންގައިފިއެވެ.
އެދެބޭފުޅުން މަޖިލީހަށް ހާޒިރުވުމަށް އަންގާފައިމިވަނީ، އެމްއެންޑީއެފްގެ ވަކިވަކި ސިފައިން މަޖިލީހަށް ޙާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފް އިން ބުނެފައިވަނިކޮށެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ކޮމިޓީއަށް ޙާޒިރުކުރެވޭނީ އެ މުއައްސަސާކަށެވެ.
މަޖިލީހުގެ ކޮމިޓީން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހާޒިރުވުމަށް އަންގާފައި ވީނަމަވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ހާޒިރުވާން އަންގާފައެއް ނުވެއެވެ.
މަޖިލީހުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ މުވައްޒަފުން ހާޒިރުކުރާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރިނަމަވެސް ފިޔަވަޅު ނޭޅުމަށް އިލްތިމާސްކޮށްފައެވެ.
ވަކިވަކި ސިފައިން ކޮމިޓީއަށް ޙަޒިރުނުކުރެވޭނެކަމަށް ބުނެ އެމްއެންޑީއެފް އިން އިއްޔެ ނެރެފައިވާ ދިގު ބަޔާނުގައި ވަނީ،
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.
އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ.
އެމްއެންޑީއެފްއިން މިހެން ބުނެފައިވަނިކޮށް ރައީސް ނަޝީދު މިއަދު ވަނީ، އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި ސެކިއުރިޓީ ސިފައިންނަށް ބަސް ނުބުނެވެގޮތަސް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ވިދާޅުވެފައެވެ. އަދި ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަގޮތް ފޮރުވުމަށްޓަކައި، ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި މޮޅެތި ސިފައިންނަށް، އެމީހުންގެ ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށްވެސް ރައީސް ނަޝީދު ދެއްވި ރައްދުގައި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ