މިޝްކާގެ މަރުގެ ރިޕޯޓް ލަސްވަނީ ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން: މިނިސްޓްރީ

މިޝްކާގެ މަރުގެ ރިޕޯޓް ލަސްވަނީ ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން: މިނިސްޓްރީ

Author
މުޙައްމަދު ޖިމީ
04 ޖޫން 2021 11:33
0

އެމްބިއުލަންސް ލަސްވުމުގެ ސަބަބުން، ފަރުވާ ދެވުން ލަސްވެގެން ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިޝްކާގެ މަރާއި ގުޅޭ ތަހުގީގީ ރިޕޯޓް އުއްޔެ ނެރޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެ ރިޕޯޓް ނެރެފައެއް ނުވެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޯވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާދިނުން ލަސްވި މައްސަަލައިގެ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަކަމަށެވެ. މި މައްސަލާގައި ގިނަ ކަންތައްތަކެއް ބަލަންޖެހޭތީ އެކަމަށް އިތުރު ވަގުތު ނަގާކަމަށްވެސް ހެލްތް މިނިސްޓްރީގެ ޓްވީޓްގައިވެއެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މަސައްކަތް ނިންމުމަށްކަމަށްވެސް ހެލްތް މިނިސްޓްރީން ބުންޏެވެ.

 

މިދިޔަ އަންގާރަދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރަށްވުރެ ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗް.ޕީ.އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގެ އެމްބިއުލެންސަށްވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ. އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

 

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވެސް ވިދާޅުވެފައިވަނީ، މިޝްކާއަށް ފަރުވާދިނުމަށް ލަސްވުމުގައި އިހުމާލުތަކެއް އެބަހުރިކަމަށެވެ. އެ އިހުމާލުތައް ބަލަމުން އަންނަކަމަށާއި، އެ ތަހުގީގަށްފަހު އެކަމުގެ ރިޕޯޓް ޢާންމުކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިޝްކާއަށް ފަރުވާދިނުން ލަސްވުމުގެ ސަބަބުން ނިޔާވުމުން، ގިނަ ބަޔަކު ދަނީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ. އަދި ކޯވިޑް މެނޭޖުކުރުމުގައި ސަރުކާރުން ފެއިލްވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލަގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްގެ އިސްތިއުފާއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާޝިދު
ދުވަހަކުވެސް ތިޔަ މިނިސްޓަރުދޭ ތާރީހެއް ދިމާވެފައެބައޮތްތޯ؟ ފެއިލުވެފަ ހުރި މިނިސްޓަރެއް. ތިމައްސަލަވެސް އެއުޅެނި މަތިޖަހަން ނޫސްވެރިން ދޫނުކުރާތި. ކޮވިޑުގެ ފެއިލިވެފަ ހުރި މީހަކު އިސްތިއުފާ ދެއްވާ