ޢަލީ ޙުސައިން، 241 ކޮމިޓީއަށް: މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން!

ޢަލީ ޙުސައިން، 241 ކޮމިޓީއަށް: މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން!

Author
މުޙައްމަދު ޖިމީ
04 ޖޫން 2021 11:12
0

ރައްޔިތުންގެ މަޖިިލީހަކީ ތަޙުޤީޤީ އިދާރާއެއް ނޫންކަމަށް ވިދާޅުވެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު ޢަލީ ޙުސައިން، 241 ކޮމިޓީއަށް ވަކިވަކި ސިފައިން ޙާޒިރުކުރުމަށް ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ހަމަލާދިނުމުގައި، އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭޑ ސެކިއުރިޓީ ބްރީޗުވިގޮތުގެ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދަނީ ހަދަމުންނެވެ. އަދި އެ މައްސަލައަށް ސުވާލުކުރުމަށް ސިފައިންނާއި ފުލުހުން ޙާޒިރުކުރާނެކަމަށް ކޮމިޓީން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިިލީހަކީ ތަޙުޤީޤީ އިދާރާއެއް ނޫންކަމަށެވެ. އެމްއެންޑީއެފްގެ ފަރާތުން 241 ކޮމިޓީއަށް ޖަވާބުދާރީވާނެ މިނިސްޓަރެއް ހުންނާނެކަމަށާއި، 241 ކޮމިޓީއަށް ވަަކިވަކި ސިފައިން ހާޒިރުވުމަށް އެންގުމުން އެ ކަމަށް އިޖާބަ ނުދިނޭ ކިޔާފަ ޖިނާއީ ދަޢުވާއެއްވެސް ނުކުރެވޭނެކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނެފައިވަނީ، ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ.

މީގެ އިތުރުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.