ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 170،105 އަށް އަރައިފި އެވެ.
އިއްޔެ ރާއްޖޭގެ އެކި ރަށްރަށުން 1،216 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުގައި 287 މީހަކު ދެވަނަޑޯޒް ޖަހާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުން 929 މީހުންވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައެވެ.
މީގެ އިތުރުން އިއްޔެ 429 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 88 މީހުން އަދި އަތޮޅުތެރޭގެ އެކި ރަށްރަށުން 341 މީހުނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމަލް ޢަދަދުވަނީ 310،834އަށް އިތުރުވެފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ކޮމެންޓު ފޮނުވާ