އެމެރިކާއިން ކޯވިޑް-19 ވެކްސިން ފުރަތަމަ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމެރިކާއިން ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެޤައުމުގެ ރައީސް ޖޯސެފް ބައިޑަން އިއުލާންކުރެއްވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވަމުންނެވެ. ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.
އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައިވާއިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއާ މާދަމާ ރަސްމީކޮށް ހަވާލުކުރާނެއެވެ.
The US Government's announcement to include Maldives among the first countries to receive COVID-19 vaccines from USA is testament to our trusted and close partnership. I thank the Government of US and Secretary @ABlinken for this essential aid, at this critical juncture.
— Abdulla Shahid (@abdulla_shahid) June 3, 2021
ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އެމެރިކާއިން އިމަޖަންސީ މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެމެރިކާގެ ޚާރިޖީ ވަޒީރަށާއި އެޤައުމުގެ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ގާތް ރަހުމަތްތެރި ޤައުމެއްކަމަށާއި، އެމެރިކާއިން މި ހައްސާސް ދަނޑިވަޅުގައި ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށެވެ.
ކޯވިޑާއި ގުޅިގެން އެމެރިކާއިން ވަނީ މިހާތަނަށް 4 ފަހަރެއްގެ މަތިން ޕީޕީއީ ހަދިޔާކޮށްފައެވެ. އަދި ޕީސީއާރު މެޝިނަކާއި، 60 ވެންޓިލޭޓަރާއި، 750،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ