މަޖިލީހަށް ޖަވާބުދާރީވާނީ ވަކިވަކި އޮފިސަރުންގެ ބަދަލުގައި، ސިފައިންގެ މުއައްސަސާއިން: އެމްއެންޑީއެފް

މަޖިލީހަށް ޖަވާބުދާރީވާނީ ވަކިވަކި އޮފިސަރުންގެ ބަދަލުގައި، ސިފައިންގެ މުއައްސަސާއިން: އެމްއެންޑީއެފް

Author
މުޙައްމަދު ޖިމީ
03 ޖޫން 2021 08:43
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ޖަވާބުދާރީވާނީ ވަކިވަކި އޮފިސަރުންގެ ބަދަލުގައި ސިފައިންގެ މުއައްސަސާގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑިއެފް އިން މިހެން ބުނެފައިމިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރިއަށް ހާޒިރުކުރާ ވަކިވަކި ފުލުހުންނާއި ސިފައިންނަށް އަދި ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅޫ ނޭޅުމަށް ކޮމިޓީން އެދިފައިވަނިކޮށެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ. އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

 

މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މީގެ އިތުރުން ސިފައިންގެ ޚިދުމަތަކީ ސައުވީސް ގަޑިއިރުގެ ޚިދުމަތަކަށްވެފައި، ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޚިދުމަތަށް ނިކުންނަންޖެހޭ ބައެއްކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތުކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ސިފައިންގެ ޢާންމު
ޤަވާޢިދުގައި ބަޔާންކޮށްފައިވާކަންވެސް މިބަޔާނުގައިވަނީ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމުގައި އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް ވެސް އެ މުއައްސަސާއިން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައިވާއިރު، ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމުގެ ޔަޤީންކަން ކޮމިޓިގެ މުގައްރިރު ހިތަދޫ އުތުރު ދައިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.