ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ޒުވާނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ދީފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގައެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތައް ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ވަނީ މުއްދަތު ޖަހައިދީފަ އެވެ.
މަޖިލިސް ގޮއްވާލާނެކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮންމެންޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ މަހު 18 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ލިބޭގޮތަށް ދައްކާ ވާހަކައާއި، އެފަދަ އިންޒާރުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ އިންނާއި އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާއިރު، ލޭއޮހޮރުވުމަށާއި، ޓެރަރިޒަމަށް ހިއްވަރު ލިބޭ ވާހަކަ ދެއްކުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ބިލެއް އެކުލަވާލާ ބަންޑާރަ ނާއިބު ވަނީ ރައީސް އޮފީހަށް އެ ބިލް ހުށައަޅުއްވާފައެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކޮމެންޓު ފޮނުވާ